އިޓާލިއަން ލީގުގެ ވަރުގަދަ ޔުވެންޓަސް އަތުން 3-0 އިން އޭސީ މިލާނު މޮޅުވި މެޗުގައި ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަ ޖެހުނު ޒްލަޓާން އިބްރަހިމޮވިޗް އަށް ކުރިޔަށްއޮތް ޔޫރޯގައި ނުކުޅެވޭނެކަަން ހާމަވެއްޖެ އެވެ.

އުމުރުން 39 އަހަރުގެ ފޯވާޑް ވަނީ ދާދިފަހުން ސްވިޑަން ގައުމީ ޓީމަށްވެސް ނަގާފައެވެ. އަދި އިބްރަހިމޮވިޗް ވަނީ މި އުމުރުގައި އޭނާގެ ގައުމަށް ހިދުމަތްކޮށްދިނުމުގެ ފުރުސަތު ލިބޭތީ އުފާކުރާކަމަށް މީގެކުރިން ބުނެފައެވެ.

ޔުވެންޓަސް މެޗުގައި އިބްރަހިމޮވިޗް އަށް ލިބުނު އަނިޔާއާއި ގުޅިގެން ގިނަ ބަޔަކު އެފަހަރުވެސް ބުނަމުންދިޔައީ އެއީ އާދައިގެ އަނިޔާއެއް ކަމަށެވެ. ނަމަވެސް އަނިޔާ ސީރިއަސްކަން ހާމަވީ ޔޫރޯގައި ނުކުޅެވޭނެކަން ހާމަކޮށް ސްވިޑަންގެ ކޯޗު ކައިރި ބުނި ބަސްތަކުންނެވެ. ސްވިޑެންގެ ކޯޗު އެންޑަސަން ކައިރި އިބްރަހިމޮވިޗް މިވާހަކަތަށް ބުނިކަން ކޯޗު ހާމަކޮށްފައިވަނީ ދާދިފަހުންނެވެ.

ސްވިޑަން އާއެކު ވާދަވެރި މުބާރާތެއް ކުޅުމުގެ ހުވަފެން ދެކެމުން އައި އިބްރަހިމޮވިޗަށް މި ކުރިމަތިވި އަނިޔާއާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުންނާނެ ކަމަށް ބެލެވެއެވެ. އިބްރަހިމޮވިޗް ވަނީ 2016 ގެ ޔޫރޯގައި ސްވިޑަން ޓީމަށް ކުޅުމަށްފަހު ރިޓަޔާކޮށްފައެވެ. މިއީ އޭނާގެ ކެރިއަރު ނިންމާލަން އެންމެ ބޭނުންވި ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްވިޑަންގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރަހިމޮވިޗް އަކީ އެ ގައުމުގެ ބަތަލެކެވެ. އަދި އޭނާއަކީ ސްވިޑަންގެ ތާރީހުގައި އެންމެ ގިނަ ލަނޑު އެ ގައުމަށް ޖަހައިދިން ކުޅުންތެރިޔާ އެވެ.