ލެސްޓާ ސިޓީން ފުރަތަަމަ ފަހަރަށް އިނގިރޭސި އެފްއޭޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާއިން ހޯދީ ފައިނަލުގައި ޗެލްސީއާއި ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި ކާމިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ބަޔަކީ ލެސްޓާއެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ޗެލްސީ ބަލިކުރީ ވާދަވެރި ކުޅުމަކަށްފަހު އެވެ. އެއާއެކު ލެސްޓާގެ ކޯޗު ބްރެންޑަން ރޯޖާސް އަށްވެސް މިއީ ބޮޑު ކާމިޔާބީއެކެވެ. ހާއްސަ ލޯތްބެއް އޮތް އޭނާގެ ކުރީގެ ކުލަބާއި ދެކޮޅަށް ހޯދި މި ކާމިޔާބީއަކީ އިނގިރޭސި ފުޓުބޯޅައިގަައި އޭނާއަަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ލެސްޓާއިން ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ލޫކް ތޯމަސްގެ އެހީއާއެކު މެޗުގެ 63 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ އުއްމީދީ މިޑްފީލްޑަރ އުމުރުން 24 އަހަރުގެ ޓިއެލްސްމަން އެވެ.

މިއީ 25 ޔާޑް ދުރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހިތްގައިމު ރީތި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލެސްޓާގެ ކޯޗުކަމުގެ މަގާމަށް ބްރެންޑަން ރޯޖާސް ގުޅުނީ 2019 ވަނަ އަހަރުގައެވެ. އޭނާ ވަނީ މީގެކުރިން އިނގިރޭސި ޓީމުތައް ކަމަަށްވާ ވޮޓްފޯޑް، ރެޑިން، ސްވަންސީ ސިޓީ، ލިވަޕޫލް ގެ އިތުރުން ސްކޮޓްލޭންޑްގެ ސެލްޓިކް އަށް ކޯޗުކަން ކޮށްދީފައެވެ. ސެލްޓިކް ގައި ހޭދަކުރި ތިން ސީޒަނުގައި އޭނާ ވަނީ އެ ކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެފްއޭ ކަޕުން ކެޓި ނަމަވެސް އަދިވެސް ޗެލްސީއަށް މި ސީޒަނުގައި ތައްޓެއް ލިބުމުގެ އުއްމީދެއް އެބައޮތެވެ. އެއީ ޕޯޗުގަލްގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކާމިޔާބުކޮށްގެންނެވެ. ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ. މި މެޗު ކުޅޭނީ މެއި 30 ގައެވެ.