ކޮކާކޯލާ ހެސް ފުޓްސަލް ގޭމް 2018ގެ ފެށުން ޓީމް ކަނޑޫދޫ ، ކަންމަތި އެފްސީ އަދި ދޯހަޅިއަންސްގެ އިތުރުން ވިޑްސް އިން ރަނގަޅުކޮށްފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔަ ކުޅެވުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޓީމް ކަނޑޫދޫ އަދި ޕޮލިސް އެފްސީއެވެ. އެ މެޗު ފަސޭހަ ކަމާއި އެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމް ކަނޑޫދޫއެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކަނޑޫދޫގެ ޖާޒީ ނަންބަރު 14 އަހުމަދު ސާމިހްއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ކަންމަތި އެފްސީ އަދި ދޯހަޅިއަންސް ޖޭއާރް އެވެ. އެ މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ކަންމަތި އެފްސީއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަންމަތީގެ ޖާޒީ ނަންބަރު 12 އަބްދުﷲ އަމްތިޔާޒް އެވެ.

އިއްޔަ ކުޅެވުނު ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އައިއެސް ފުޓްބޯޅަ ކުލަބާއި ދޯހަޅިއަންސްއެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 3-9 އެއްގެ ނަތީޖާއަކުން ކާމިޔާބު ކުރީ ދޯހަޅިއަންސް އެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދޯހަޅިއަންސްގެ މުހައްމަދު ޝާންއެވެ.

އިއްޔަ ކުޅެވުނު ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ ވިޑްސް އަދި ކަންމަތި ޖޫނިއާސް އެވެ. އެމެޗު 4-6 ގެ ހަނި މޮޅަކުން ކަންމަތި ޖޫނިއާސްގެ މައްޗަށް ކުރި ހޯދައި ކާމިޔާބު ކުރީ ވިޑްސްއިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިޑްސްގެ އަހުމަދު ޝިރުހާން އެވެ.

މި މުބާރާތަކީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 11 ޓީމު ބައިވެރިވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދާ ގޮތަށް ކުޅޭ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތުގެ މެޗުތަށް މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކޮކާ ކޯލާއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭޑީކޭ ކޮމްޕެނީ އަދި ސޮނީ ސްޕޯޓްއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ " ވަގުތު އެމްވީ " އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުބޭ

    ވަރަށް ފައްކާ މުބާރާތެއް. ހިރިލަންދޫ ވަންދޫ އަދި ކަނޑޫދޫގެ ބަދަހި ގުޅުން ދައްކުވައިދޭ މުބާރާތެއް