އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދުމަށްފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ލެސްޓާ ސިޓީގެ ދެ ކުޅުންތެރިން ފަލަސްތީނު ދިދަ ދައްކާލުމާއެކު މީސް މީޑިއާގައި ތައުރީފުގެ ބަސްތައް އޮއްސާލައިފިއެވެ.

ޗެލްސީ އަތުން 1-0 އިން ލެސްޓާ ހޯދި ތާރީހީ މި ކާމިޔާބީއަށްފަހު ފަލަސްތީނުގެ ދިދަ ދައްކާލި ލެސްޓާގެ ދެ ކުޅުންތެރިންނަކީ މުސްލިމް ކުޅުންތެރިންނެވެ. އެއީ ފްރާންސްގެ 21 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވެސްލީ ފޮފާނާ އާއި އިނގިރޭސި 21 އަހަރުންދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ ހަމްޒާ ޗަައުދަރީ އެވެ.

ހަމްޒާ ޗައުދަރީ އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މީގެކުރިން ވެސް އޭނާ ވަނީ ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން އެކި ޕްލެޓްފޯމްތަކުގައި ހާމަކޮށްފައެވެ. ފައިނަލް މެޗުގެ ކަށިގަނޑަށްފަހު މި ދެ ކުޅުންތެރިން ތިބީ ފަލަސްތީނު ދިދަ ހިފައިގެން ދަނޑު ވަށާ ހިނގަން ތައްޔާރަށެވެ. އެއާއެކު ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި މި ދެ ކުޅުންތެރިންނަށް ތައުރީފުކުރަމުންނެވެ.

އަަނެއްބަޔަކު ބުނާގޮތުން މިއީ އުސޫލުތަކާއި ހިލާފަށް މި ދެ ކުޅުންތެރިން ކޮށްފައިވާ ކަމެކެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ކުޅުންތެރިން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބައެއް ޓްވީޓްތަކުގައި ވެއެވެ.

މިރޭ އެފްއޭ ކަޕްގެ ފައިނަލަށް ފަހު ހަމްޒާ އާއި ފޮފާނާގެ ފަރާތުން މި ފެނުނު ކަންތައްތަކަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފުކުރަމުންނެވެ.

މި މެޗުގައި ލެސްޓާ އާއި ކުރިމަތިލި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އިނގިރޭސިވިލާތުން ބޭރުކޮށްލުމާއި ގުޅިގެން މިހާރު އެއީ އިޒްރޭލުގެ ރައްޔިތެކެވެ.

ފަލަސްތީނާއި އެއްކޮޅަށް ތިބިކަން ހާމަކޮށް ގިނަ ކުޅުންތެރިންތަކެއް ދަނީ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރުފާޅު ކުރަމުންނެވެ.