މި ސީޒަނުގެ އިޓާލިއަން ލީގު ކަށަވަރުކޮށްފައިވާ އިންޓަމިލާން އަތްދަށުކޮށް ޔުވެންޓަސް އިން ތާވަލުގެ ހަތަރުވަނައަަށް ޖެހިލައިފި އެވެ.

އިންޓަމިލާން އަތުން ޔުވެންޓަސް މޮޅުވީ 3-2 ގެ ހަނި ތަފާތަކުންނެވެ. މި ނަތީޖާއާއެކު ޔުވެންޓަސް ތާވަލުގެ ހަތަރުވަނައަށް ޖެހިލީ ކުޅުނު 37 މެޗުން ލިބުނު 75 ޕޮއިންޓާއެކު އެވެ.

މި އަދަދަށް ޕޮއިންޓް ހަމަކޮށްގެން ތިންވަނައިގައި އޭސީ މިލާން އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. މިލާނަށް ކުރި ލިބުނީ ހެޑް ޓު ހެޑް ގަވާއިދުގެ ސަބަބުންނެވެ. ތާވަލުގެ އެއްވަނައިގައި އިންޓަމިލާން އޮތީީ ކުޅުނު 37 މެޗުން ލިބުނު 88 ޕޮއިންޓާއެކު އެވެ. އެންމެ ކައިރިން ދެވަނައިގައި އެޓަލަންޓާ އޮތީ 37 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ.

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ. ޔުވެންޓަސް އާއި ކައިރިން ތާވަލުގެ ފަސްވަނައިގައި ވިއްދާފައިވާ ނާޕޮލީ މާދަމާ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް އަނެއްކާވެސް ހަތަރުވަނަ ލިބިގެންދާނެ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޔުވެންޓަސް އެވެެ. މި ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ލިބުނު ޕެނަލްޓީއަކުން މެޗުގެ 35 ވަނަ މިނެޓުގައި ލުކާކޫ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކުއަޑްރާޑޯ ވަނީ އަނެއްކާވެސް ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ.

އިންޓަމިލާނުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 83 ވަނަ މިނެޓުގައެވެ. މިއީ ޔުވެންޓަސްގެ ޖިއޮޖިއޯ ކިއެލީނީ ހެދި ގޯހެއްގެ ސަބަބުން އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުން ޔުވެންޓަސް މޮޅުވީ 88 ވަނަ މިނެޓުގައި ކުއަޑްރާޑޯ ޖެހި ލަނޑުންނެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނަ ކާމިޔާބުކުރި ލަނޑެެކެވެ.