ރ.ދުވާފަރު ހޯމް ކަރަންޓީނުގައި ވަނިކޮށް ހެދި ޓެސްޓުތަކުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިސްމާއީލް އީސަ (މެސީ) ގައުމީ ފުޓުބޯޅަ ސްކޮޑުން ބާކީވެއްޖެ އެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލި ޕްރީލިމިނަރީ 33 ކުޅުންތެރިންގެ ސްކޮޑުން މެސީ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ކޮވިޑަށް ފައްސިވުމާއި ގުޅިގެން ފައިނަލް ސްކޮޑުން އޭނާ ބާކީކުރާނެ އެވެ.

އަދަދު ނޫހާއި ވާހަކަދައްކަމުން އީސަ ބުނެފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުމުން މި މަހު ހަވަނަ ދުވަހު ޗުއްޓީއަށް ރަށަށް ދިޔައިރު މި މަހުގެ 11 ވަނަ ދުވަހު ލިބުނު ނަތީޖާއިން އޭނާ ފައްސިވެފައިވާ ކަމަށެވެ. އެއީއޭރު އޮތްގޮތުން އޭއެފްސީ ކަޕް މިމަހު 14-20 އަށް ކުރިޔަށްދާނެ އެވެ. އެއާއެކު އޭނާ ބޭނުންވީ ފަހު ދިހައިގައި ރަށުގައި ހޭދަކުރާށެވެ.

މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރުމަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމުގެ ރަސްމީ ސްކޮޑް ފައިނަލް ކުރާނެއެވެ.

މެދުކެނޑުމަކަށްފަހު މެސީ އަލުން ގައުމީ ޓީމަށް އެނބުރި އައީ މިދިޔަ އަހަރުއެވެ. ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގައި އީސަ ތަފާތު މޮޅު ކުޅުމެއް ދައްކާ މުހިއްމު ލަނޑުތަކެއް ވަނީ ޖަހައިދީފައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކޮލިފައިން މެޗުތައް ކުޅޭނީ ޗައިނާގަައެވެ. އެ ގައުމަށް ފުރުމުގެ ކުރިން ގައުމީ ޓީމު ވަނީ 25 ކުޅުންތެރިންނާއެކު ހޮޓެލް ޖެންގައި ކޭމްޕުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭނީ މިމަހު 30 އިން ޖޫން 15 އަށެވެ. ކޮލިފައިންގައި ރާއްޖެއަށް މިހާރު އޮތީ ބާކީ ތިން މެޗެވެ .އެއީ ޗައިނާ އާއި ފިލިޕީންސް އަދި ސީރިއާ އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެވެ.