އޮސަސޫނާ އަތުން ހޯދި މޮޅާއެކު ސްޕެނިޝް ލީގުގައި ލީގު ހޯދުމާއި ގާތަށް އެތުލެޓިކޯ މެޑްރިޑް ޖެހިލިއިރު، ހިތްދަތިގޮތަކަށް ސެލްޓަ ވިގޯ އަތުން ބަލިވެ ބާސެލޯނާއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އެތްލެޓިކޯ އިން ލީގު ހޯދުމާއި ގާތަށް ޖެހިލީ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗު އެތްލެޓިކޯ މޮޅުވީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ލީގު ލިބޭނެ ޓީމެއް ކަށަވަރުވާނީ އަންނަ ހަފުުތާގައި ކުޅޭ މެޗުތަކުންނެވެ. ދެވަނައިގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ ވިޔަރެއާލް އާއެވެ. އަދި އެތްލެޓިކޯ ބައްދަލުކުރާނީ ރެއާލް ވަޔަޑޮލިޑް އާއެވެ. އެތްލެޓިކޯ ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގު ކަށަވަރުވާނެ އެވެ. އެތްލެޓިކޯ ބަލިވެ، ރެއާލް މޮޅުވެއްޖެ ނަަމަ ލީގު ލިބޭނީ ރެއާލް އަށެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެެއް ނުފެނެއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެފަން ސަވިޗް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމުގައެވެ. އޮސަސޫނާ އިން ލީޑު ނެގީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަންޓެ ބުޑިމީއޭ އެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ރެނަން ލޯޑީ ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.

ހިތްދަތިގޮތަކަށް މިފަހަރުގެ ލީގާއި ބާސާ އަލްވަދާއުކީ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ބާސާއިން ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ. މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން ސެންޓި މިނާ ވަނީ ސެލްޓާ އަށް އެއްވަރުކޮށްދީފަ އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ސެލްޓާ މޮޅުވި ލަނޑު ޖެހީވެސް އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި މިނާ އެވެ.