އަންހެނުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕުކޮށްގެން ތިބި ގައުމީ ފުޓުބޯޅަ ޓީމުން އަލީ އަޝްފާގު (ދަގަނޑޭ) ހާއްސަ ހުއްދައެއްގެ ދަށުން ކޭމްޕު ދޫކޮށްލައިފިއެވެ.

މިއާއެކު ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލާ ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ދަގަނޑޭ އަށް ފުރުސަތު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ދަގަނޑޭ ވަނީ 33 ކުޅުންތެރިންގެ ޕްރީލިމިނަރީ ސްކޮޑުގައި ވެސް ހިމެނިފައެވެ.

އެފްއޭއެމުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ދަގަނޑޭ ކޭމްޕު ދޫކޮށްލިކަން ހާމަކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މިކަން ހާމަކޮށް ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އާއިލީ ވަގުތު ދިނުމުގެ ގޮތުން ޓީމާއި ވަކިވުމަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ދަގަނޑޭ ކޮވިޑަށް އަލުން ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ދެން ކޭމްޕްގައި ބައިވެރިވެވޭނީ ޓެސްޓުގެ ނަތީޖާ ނައްސިވުމުން ކަމަށެވެ.

ދަގަނޑޭ ކޮވިޑަށް ފައްސިވެއްޖެ ނަމަ އޭނާވެސް ޖެހޭނީ 14 ދުވަހަށް ކަރަންޓީނުވާން ކަމަށާއި އެ ހާލަތުގައި ކޮލިފައިން މެޗުތަކަށް އެކުލަވާލާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ދަގަނޑޭއަށްވެސް ފުރުސަތު ގެއްލިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ދަގަނޑޭ މި ވަގުތު ހުރީ މަންމަ ގޭގައި އާއިލީ ކަންކަން ބެލެހެއްޓުމަށް ކަމަށް އެފްއޭއެމާއި ހަވާލާދީ ރާއްޖެޓީވީން މައުލޫމާތުދެއެވެ. އަދި އަންހެނުންނާ ދަގަނޑޭ ކޮންޓެކްޓް ނުވާ ކަމަށާއި ގައިޑްލައިނަށް ދަގަނޑޭ ވަރަށް ރަނގަޅަށް ކިޔަމަންވެފައިވާ ކަމަށެވެ.

ވަގުތު އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެކުރިން ވިދާޅުވީ ގައުމީ ޓީމުން މަސައްކަތްކުރަނީ މިމަހުގެ 19 ގައި ޗައިނާއަށް ފުރުމަށް ކަމަށެވެ. އަދި ކުރީބައިގައި ކޭމްޕުކުރަން ނިންމީ ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.