ޕޯލް ޕޮގްބާ ގޯލުން އޮސްޓްރޭލިއާގެ މައްޗަށް 1-2 އިން ފްރާންސް އިން ކުރި ހޯދައިފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު މިއަދު ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސް އިން ކުޅުނު ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ. އެގޮތުން އޮސްޓްރޭލިއާ އިން ކުޅުނު ޑިފެންސިވް ކުޅުމުގެ ސަބަބުން ފްރާންސްގެ ކުރީގައި ތިބި ކުޅުންތެރިންނަށް މި ހާފުގައި މާބޮޑު ކަމެއް ކުރެވިފައެއް ނުވެއެވެ.

މި ހާފުގައި ގޯލެއް ކާމިޔާބުކުރުމާ އެންމެ ގާތަށް ގޮސްފައިވަނީ އޮސްޓްރޭލިއާ ޓީމުންނެވެ. ނަމަވެސް އޮސްޓްރޭލިއާ ޓީމުން އުފެއްދި އެ ހަމަލާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

ފްރާންސްގެ ފުރަތަމަ ގޯލު ގްރިޒްމަން ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 58 ވަނަ މިނެޓްގައި ފްރާންސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ގްރިޒްމަންއެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ގްރިޒްމަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ނަމަވެސް ފްރާންސް އިން މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން އޮސްޓްރޭލިޔާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމު ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޮސްޓްރޭލިއާ އަށް މި ޕެނަލްޓީ ލިބުނީ ފްރާންސްގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު އުމްޓިޓީގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އޮސްޓްރޭލިއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ޔެޑިނަކްއެވެ.

އޮސްޓްރޭލިއާ އިން ނަތީޖާ އެއްވަރުކުރުމާއެކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ އެޓީމުގެ އެޓޭކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިއަށް ކުޅެމުން އައި ދެ ކުޅުންތެރިން ކަމަށްވާ ގްރިޒްމަން އާއި ޑެމްބެލޭގެ ބަދަލުގައި ވަނީ ޖިރޫ އާއި ފެކީރް ކުޅެން އަރުވާފައެވެ.

އޮސްޓްރޭލިއާގެ ގޯލު ކާމިޔާބުކޮށްދިން ޔެޑިނަކް - ފޮޓޯ: އޭއެފްޕީ

ލީޑު ނެގުމަށް ފްރާންސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައިރު އޮސްޓްރޭލިއާގެ ޑިފެންސްލައިންގައި ހަރަކާތްތެރިވި ކުޅުންތެރިން ދިޔައީ ފްރާންސް އަށް ފުރުސަތުތަކެއް ތަނަވަސްކުރަން ހުރަސްތައް ކުރިމަތިކުރަމުންނެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި ޕޮގްބާ ވަނީ ފްރާންސް އަށް މެޗުގެ ލީޑު ނަގައިދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ. ޕޮގްބާ މި ގޯލު ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އޮސްޓްރޭލިއާގެ މައްޗަށް ފްރާންސް އިން ކުރި ހޯދިއިރު އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ހަތަރު މުބާރާތުގެ ފުރަތަމަ މެޗުން ފްރާންސް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ފްރާންސް އެންމެފަހުން ބަލިވެފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު އެޓީމު ބަލިވީ ސެނެގާލް އަތުން 0-1 އިންނެވެ.

ގްރޫޕް ސީގައި ފްރާންސް ދެން ބައްދަލުކުރާނީ ޕެރޫއާއެވެ. އޮސްޓްރޭލިއާ ނިކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.