އާޖެންޓީނާގެ ޖަލެއްގައި، ޤައިދީން ބެލުމަށް ޚާއްޞަ ކޮށްފައި ހުރި ޓީވީ ހަލާކުވެ، ޓީވީ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފަށައިފިއެވެ. އެފަރާތްތަކުން މިހެން ކަންތައް ކޮށްފައިވަނީ ވޯލްޑް ކަޕާ ދިމާކޮށް ޓީވީ ހަލާކުވުމުންނެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ އެޤައުމުގެ ވެރިރަށް ބިއުނޯސް އެއިރަސްއާ 800 މޭލު ދުރުގައި އޮންނަ ޕުއާޓޯ މެޑްރީން ޖަލުގެ ޤައިދީންނެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ ނުވަ ޤައިދީއެކެވެ. އަދި، ޖަލުން ދޭ އެއްވެސް ކާއެއްޗެއް އެމީހުން ބޭނުންކުރަމުން ނުދެއެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓީވީ ހަލާކުވެފައިވަނީ މީގެ އެންމެ ތިން ދުވަސް ކުރިންނެވެ. އެހެންނަމަވެސް، ވަރަށް އަވަހަށް އެމައްސަލަ ހައްލުކުރަން މި ޤައިދީން ދަނީ ޑިމާންޑު ކުރަމުންނެވެ.

ހަމައެހެންމެ، އެމީހުންގެ މައްސަލަ ބަލާ ފަރާތްތަކަށް، މި ޤައިދީންވަނީ ލީގަލް ސޫޓެއްވެސް ހުށަހަޅާފައެވެ. މި ބަޔާނުގައި އެމީހުން ބުނެފައިވާ ގޮތުން ކޭބަލް ޓީވީގެ ޚިދުމަތީ ކޮންމެ މީހަކަށްވެސް މިހާރު ލިބެން ޖެހޭ އަސާސީ ޙައްޤެކެވެ. އަދި، އެއީ ޤައިދީއަކަށްވުމުން ހަނިކުރެވޭނެ ޙައްޤެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އިން ކުޅޭ ފުރަތަމަ މެޗުގައި އެޤައުމުން އައިސްލޭންޑާ ދެކޮޅަށް ކުޅެފައިވާއިރު، އެމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.