1500 ކިލޯމީޓަރު ނުވަތަ 930 މޭލު ދިގު ރާސްތާއެއްގައި ދުއްވުމަށްފަހު، ކްރޮއޭޝިޔާގެ ރައްޔިތުންތަކެއް، ވޯލްޑް ކަޕް ބެލުމަށްޓަކައި ރަޝިޔާއަށް ގޮސްފައެވެ. ދިގު ދަތުރަކަށްފަހު ރަޝިޔާއަށް ގޮސްފައިވަނީ ފަސް މީހުންނެވެ.

ކްރޮއޭޝިޔާގެ ޒަގްރެބް އިން ފަށައިގެން ރަޝިޔާގެ ކަލިނިންގްރެޑް އަށް މި ފަސް މީހުން ދަތުރުކުރިއިރު، އެމީހުންގެ ދަތުރަށް 15 ދުވަސް ނަގާފައިވެއެވެ. އަދި، އެމީހުންވަނީ ރަޝިޔާއަށް ދިޔުމަށް ފަސް ޤައުމެއް ހުރަސްކޮށްފައެވެ. އެއީ ސްލޮވޭނިޔާ، ހަންގޭރީ، ސްލޮވޭކިޔާ، ޗެކް ރިޕަބްލިކް އަދި ޕޮލެންޑް އެވެ. މި ފަސް މީހުންވަނީ ކޮންމެ ދުވަހަކުވެސް 10 ގަޑިއިރު ބައިސްކަލު ދުއްވާފައެވެ.

މި މީހުން ބުނެފައިވާ ގޮތުގައި މި ދިގު އަދި އުނދަގޫ ދަތުރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އޭގެތެރެއިން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ހަލާކުވެފައި އޮތް ބްރިޖެއް ހުރަސްކޮށް، ދަތުރުކުރަން ޖެހުމެވެ.

މި ފަސް މީހުންގެ ތެރެއިން ވާހަކަ ދެއްކި އުމުރުން 46 އަހަރުގެ ފްރޭން ލުކޮވިޗު ބުނެފައިވަނީ އެތައް ބަޔަކު އެއީ މޮޔަ ކަމެއްކަމުގައި ބުނިކަމަށެވެ. އެހެންނަމަވެސް، އެމީހުންނަށް އެއީ ވާނޭ ކަމެއްކަމުގައި ދެކި، އެކަން ކުރީކަމަށެވެ. އަދި، މިއީ މީގެ ހަ އަހަރުކުރިން ޖެހުނު ހަމުގެ ކެންސަރަށްފަހު، އެކަމުން ރަނގަޅުވެ، އަނެއްކާވެސް އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރިކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ކްރޮއޭޝިޔާ ކުޅޭ މެޗުތައް ބެލުމަށް މި މީހުން އައިރު، އެޤައުމުގެ ފުރަތަމަ މެޗު އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. އެމެޗުގައި އެޤައުމު ނިކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ.