އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް އެންމެ ފަހު ވަގުތު ނުބޭއްވޭނެކަމަށް އެންގި އެންގުމާއި މުބާރާތް ފަސްކުރަން އެދުމުން އޭއެފްސީން ރާއްޖެއަށް ފިޔަވަޅެއް އެޅުން ގާތްކަމަށް އެފްއޭއެމުން ބުނެފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ކޮވިޑްގެ ކޭސް މައްޗަށް ދިއުމާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ އެއްކޮށް ކުރިން ވެސް މުބާރާތަށް ހެދޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ބައްސާމް ވިދާޅުވީ މުބާރާތް ކެންސަލްކުރިއިރު ބޭރުގެ ތިން ޓީމެއް ބައިވެރިވުމާއި އެއާ އެކީގައި މި ގްރޫޕް ސްޓޭޖު ބޭއްވުމަށްޓަކައި ވަރަށް ގިނަ ރެފްރީންނާއި އޮފިޝަލުން އަދި އޭއެފްސީގެ ކޮންޓިންޖެންޓެއް ރާއްޖެ އަންނަން ޓްރާންސިޓް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ބޭރުގެ ޓީމުތައް ރާއްޖޭގެ ހޮޓާތަކުން ބުކިން ހެދުމާއި އެއާލައިންގެ ޓިކެޓް ނެގުމާ ކަންކަން ނިންމާފައިވާ ކަމަށެވެ.

"މި މަޑުކުރަނީ ގްރޫޕް ސްޓޭޖު ބޭއްވޭނީ ކޮންތާކުތޯ ކޮން ވަގުތެއްގައި ތޯ ބެލުން. އެއާ އެކީގައި އަޅުގަނޑުމެންނަށް އަންނާނީ ކޮން ކަހަލަ އަދަބެއްތޯ ބެލުން" ބައްސާމް ވިދާޅުވިއެވެ.

އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ބުރުގައި ރާއްޖޭގެ އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ މެޗު ކުޅެން އޮތީ ތައްޔާރަށެވެ. މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިގެންދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވިފައި އޮތީ މި މަހު 14 އިން 20 އަށް މާލޭގައި ކުޅުމަށެވެ. ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

މުބާރާތް ކެންސަލްކުރީ ކޮވިޑު-19 ގެ ޕްރޮޓޮކޯލްތަކާއި ބެންގަލޫރު ކުޅުންތެރިން ހިލާފުވުމާއެކު ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވުމުން ކަމާބެހޭ އިދާރާތަކުގެ އެދިލެއްވުމުންނެވެ

ބައްސާމް ވިދާޅުވީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރާއްޖެއަށް އެޅުން ގާތީ ދެ ފިޔަވަޅެއް ކަމަށެވެ. އޭއެފްސީގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވަކި މުއްދަތެއް ވަންދެން ރާއްޖެ އަށް ނުދޭން ނިންމުން ނުވަތަ ޖޫރިމަނާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯބު

    އިންޑިއާ ޓީމެއްގެ އަމަލުގެ ސަބަބުން ރާއްޖެއަށް އަދަބު ލިބެންވީ ކީއްވެ؟

    2
    1
  2. އަހުމަދު ނީޒް

    މިގައުމުގެ ރައްޔިތުންގެ ސަލާމަތައް ނުރައް ކާ ކޮށްފަ އެއްވެސް މުބާރަތެއް ނުބޭއްވިޔަސް އޯ ކޭ. އަހަރެމެން އަމިއްލަ އަށް އަށް މުބަރަތް ބައްވަފާނަން.

  3. މަޒް

    އޭއެފްސީވެސް ގައުމުތަކަށް ވުރެން ބާރުގަދަ ކުރަން އުޅެނީ.. ގައުމު ބޮޑު ކާރިސާއެއްގަ އޮތަސް މެޗެއް ކެންސަލް ކޮއްލާނެ ބާރުވެސް ނޯންނަނީތަ؟