އަންހެނުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ހާއްސަ ހުއްދައިގެ ދަށުން ގައުމީ ޓީމުގެ ކޭމްޕުން ވަކިވި އަލީ އަޝްފާގު (ދަގަނޑޭ) އެނބުރި ގައުމީ ޓީމާއި ގުޅުމަށް ހެއްދި ޓެސްޓު ނައްސިވެފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ބުނީ ހޯމަ ދުވަހުގެ ދަގަނޑޭ ހެދި ކޮވިޑު ޓެސްޓުތަކުން އޭނާ ނައްސިވެފައިވާ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އޭނާ ގައުމީ ޓީމާއި ގުޅޭނެކަމަށެވެ.

ދަގަނޑޭ ހުރީ މަންމަ ގޭގައި އާއިލީ ކަންކަން ބެލެހެއްޓުމަށް ކަމަށް އެފްއޭއެމުން މީގެކުރިން ބުނެފައިވެއެވެ. އަދި އަންހެނުންނާ ދަގަނޑޭ ކޮންޓެކްޓް ނުވާ ކަމަށާއި ގައިޑްލައިނަށް ދަގަނޑޭ ވަރަށް ރަނގަޅަށް ކިޔަމަންވެފައިވާ ކަމަށްވެސް އެފްއޭއެމުން މީގެކުރިން ބުނެފައިވެއެވެ.

ވަގުތު އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީގެކުރިން ވިދާޅުވީ ގައުމީ ޓީމުން މަސައްކަތްކުރަނީ މިމަހުގެ 19 ގައި ޗައިނާއަށް ފުރުމަށް ކަމަށެވެ. އަދި ކުރީބައިގައި ކޭމްޕުކުރަން ނިންމީ ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.

ކިޔުންތެރިންގެ ހިޔާލު