އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް އާއި 1-1 އިން އެއްވަރުވި މެޗަށްފަހު ޔުނައިޓެޑުގެ ދެ ކުޅުންތެރިން ކަމަށްޗވާ އަމަދް ޑިއާލޯ އާއި ޕައުލް ޕޮގްބާ ފަލަސްތީނަށް ހިތްވަރުދީ އެ ގައުމުގެ ދިދަ ދައްކާލުމުން ގިނަބައެއްގެ ތައުރީފު މި ދެ ކުޅުންތެރިންނަށް އޮއްސާލައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުޅުންތެރިން ދަނީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ފަލަސްތީނަށް ތާއިދުކޮށް އެކި ހަރަކާތްތައް ހިންގަމުންނެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގެ ބައެއް ކުޅުންތެރިންވެސް ފާހަގަކޮށްލެވެއެވެ.

އެންމެފަހުން އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދުމާއެކު އެ ކުލަބުގެ ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗައުދަރީ އާއި ވެސްލީ ފޮފާނާ ވެސް ވަނީ ފަލަސްތީނަށް ތާއިދުކުރުމުގެ ގޮތުން އެ ދިދަ ގެންގުޅެފައެވެ. އެއާއެކު އިނގިރޭސި އެފްއޭ އަދި ލެސްޓާ އިން ވެސް ނިންމީ އެއީ ކުޅުންތެރިންގެ އަމިއްލަ ޝުއޫރު ކަމަށް ބުނެފައެވެ.

މިއީ އަހަރަކާއި އެއް މަހަށްވުރެ ގިނަ ދުވަހަށްފަހު ޔުނައިޓެޑުގެ ދަނޑަށް ސަޕޯޓަރުން ވަތް މެޗެކެވެ. އެއާއެކު މިއީ ޔުނައިޓެޑަށްވެސް ހާއްސަ މެޗެކެވެ. މި ދެ ކުޅުންތެރިން ފަލަސްތީނު ދިދަ ހޯދާފައިވަނީ ކުޅިބަލަން ވަދެތިބި ސަޕޯޓަރުންގެ އަތުންނެވެ.

މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވެސް ވަނީ ކުޅުންތެރިންގެ އަމިއްލަ ހިޔާލުފާޅު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެ އެ ކަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ކުޅުންތެރިއަކަށް ވެސް އޮންނާނެ ކަމަށެވެ.

ފުލަމް އާއި ވާދަކޮށް އެއްވަރުވެގެން މެޗު ނިމުނުއިރު ފުލަމް ވަނީ މިފަހަރު ރެލިގޭޓުވެފައެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އެވެ.