ހޮނިހިރު ދުވަހު ރަޝިޔާގައި ކުޅުނު ވޯލްޑް ކަޕު މެޗުގައި އައިސްލޭންޑާއި އާޖެންޓީނާ ބައްދަލު ކުރި މެޗުން އާޖެންޓީނާ މޮޅު ނުވުމުގެ ޒިންމާ އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީ ނަގައިފިއެވެ.

ފުރަތަމަ ހާފުގައި އަގުއޭރޯ އާޖެންޓީނާ އަށް ކުރި ހޯދައިދިން ނަމަވެސް އައިސްލޭންޑުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި އާޖެންޓީނާ އަށް މެޗުގެ ކުރި ހޯދަން ލިބުނު ޕެނަލްޓީ، މެސީ ޖެހި ނަމަވެސް އައިސްލޭނޑު ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

" މެޗުން މޮޅު ނުވުމުގެ ޒިންމާ އަހަރެން ނަގާނަން، ހަމަޖެހިލައިގެން މުބާރާތުގައި ކުރިޔަށް ދިޔުމަށް މިއަދު މޮޅެއް ލިބުނު ނަމަ ވަރަށް ފަސޭހަ ވާނެ. އެހެން ނަމަވެސް އަޒުމަކީ ކުރިޔަށް އޮތް ދެމެޗުން މޮޅު ވުން" އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުންޏެވެ.

އައިސްލޭނޑުގެ ޑިފެންސް ކުރީ ގިނަ ކުޅުންތެރިން ބޭނުން ކޮށްގެން ކަމަށް ވުމާއި އެކު އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިންނަށް އެޓީމުގެ ޑިފެންސް ފޫއަޅުވާލާ ދިޔުންވީ ދަތި ކަމަކަށެވެ.

" އަހަރެމެންނަށް ކުޅެން ޖާގައެއް ނުލިބޭ، ދެވަނަ ހާފުގައި އައިސްލޭނޑުން ކުޅުނީ މުޅިން ތަފާތު ކޮށް." މެސީ ބުންޏެވެ.

މީގެ އިތުރުން މެސީ ބުނެފައި ވަނީ އަދިވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަދި މުބާރާތް ފެށުނީ ކަމަށެވެ. ހަމަ އެހެންމެ ގިނަ ވަގުތު އޮތުމާއި އެކު ކްރޮއޭޝިޔާ އަދި ނައިޖީރިއާ ބަލި ކުރެވޭނެ ކަމަށްވެސް މެސީ ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު އާޖެންޓީނާ ކްރޮއޭޝިޔާ އާއި ދެކޮޅަށް ނިކުންނަ އިރު ނައިޖީރިއާގެ މައްޗަށް ކްރޮއޭޝިޔާ އިން ވަނީ ކުރި ހޯދާފައެވެ.