ވޯލްޑް ކަޕްގައި މިރޭ ނައިޖީރިޔާގެ މައްޗަށް 0-2 އިން ކްރޮއޭޝިޔާ އިން ކުރި ހޯދައިފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވެސް އެޓީމުންނެވެ. ނަމަވެސް ނައިޖީރިއާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޕެރިސިޗް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ކްރޮއޭޝިއާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ނައިޖީރިއާގެ އެޓެބޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ކްރޮއޭޝިއާ އާއި ނައިޖީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނައިޖީރިއާ އިން ވަނީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ނައިޖީރިއާގެ ފޯވާޑް އިގާލޯ ފޮނުވާލި އެ ހަމަލާ ކްރޮއޭޝިއާގެ ޑިފެންޑަރަކު ވަނީ ބްލޮކުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ކްރޮއޭޝިއާގެ ކްރަމަރިޗް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ކްރޮއޭޝިއާ އިން ނިންމާލިއިރު ދެވަނަ ހާފް ވެސް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ކްރޮއޭޝިއާ އިންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ކްރޮއޭޝިއާ އަށް ލިބުނު ޕެނަލްޓީ އަކުން ލޫކާ މޮޑްރިޗް ވަނީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މި ޕެނަލްޓީ ލިބުނީ ނައިޖީރިއާގެ ކުޅުންތެރިއަކު ކްރޮއޭޝިއާގެ މަންޒުކިޗް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ކްރޮއޭޝިއާގެ ދެވަނަ ގޯލަށްފަހު މޮޑްރިޗް އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ނައިޖީރިއާގެ ފަރާތުން މި މެޗުގައި ދަށް ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާގެ ގޯލާއި އަމާޒުކޮށް މުޅި މެޗުގައި ވެސް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.

މި މެޗުން ކްރޮއޭޝިއާ މޮޅުވިއިރު މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗާއެކު ގްރޫޕް ޑީގެ ފުރަތަމަ މެޗުތަށް ކުޅެ ނިމިފައިވާއިރު ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާއެވެ. މި ގްރޫޕްގައި ހިމެނޭ އާޖެންޓީނާ އާއި އައިސްލޭންޑަށް އެއް ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ނައިޖީރިއާއެވެ.

މި ގްރޫޕްގައި ކްރޮއޭޝިއާ ދެން ބައްދަލުކުރާނީ އާޖެންޓީނާއާއެވެ. ނައިޖީރިއާ ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.