ވޯލްޑް ކަޕު ގުރޫޕު ސްޓޭޖުގައި ރަޝިޔާ އާއި ދެކޮޅަށް މިސްރު ކުޅޭ މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހު ކުޅެން ފިޓު ވެއްޖެ ކަމަށް އެގައުމުގެ ފުޓުބޯޅަ އާއި ބެހޭ އިދާރާ އިން ބުނެފިއެވެ.

ފިޓު ކަމަށް ބުނި ނަމަވެސް އެންމެ ފަހުން މިސްރު ކުޅުނު މެޗުގައި ސަލާހު މެޗު ނިންމާލީ ބެންޗުގައި އިނދެގެންނެވެ. އެމެޗުގައި އުރުގުއޭ އަތުން މިސްރު ވަނީ 0-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ.

އޭނާ ބޭނުން ކޮށްފައި ނުވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔޫކްރޭންގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއަލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް އާއި އެކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓި ކޮނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.

އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި 90 ވަނަ މިނެޓުގައި އުރުގުއޭ މޮޅުކޮށްދިން ލަނޑު ޖަހާފައި ވަނީ އެޓީމުގެ ޑިފެންޑަރު ގިމެނޭޒް ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. މިސްރުގެ ކޯޗު ބުނެފައިވާ ގޮތުން ސަލާހު ދަނޑު މަތީގައި ހުރި ނަމަ މެޗުގެ ނަތީޖާ ބަދަލު ވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސަލާހު އަށް ލިބިފަައިވާ އަނިޔާގެ ސަބަބުން އިތުރަށް ކަންތައް ގޯސް ވެދާނެތީ ސަލާހު ބޭނުން ނުކުރީ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މިދިޔަ ސީޒަނުގައި ސަލާހު ވަނީ ލިވަޕޫލް އަށް 44 ލަނޑު ކާމިޔާބު ކޮށް، ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ސަލާހުގެ އިތުރުން މިސްރު ޓީމުގެ މެދު ތެރެއަށް ކުޅޭ ތާރެކް ހަމީދުވެސް ރަޝިޔާ އާއި ދެކޮޅަށް ނިކުންނަ މެޗުގައި ފެންނާނެ ކަމަށް މިސްރުގެ ފުޓުބޯޅަ އާއި ބެހޭ އިދާރާ އިން ބުނެއެވެ.