ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންެތެރިޔާ އަށް ދޭ "ބެލޮންޑިއޯ" އެވޯޑަށް ވުރެ މުހިއްމީ ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ އަކީ މިވަގުތު ތިންވަނަ އަށް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާއިރު ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ "ބެލޮންޑިއޯ" އެވޯޑު ކާމިޔާބުކުރުމުގެ ފުރުސަތު ނޭމާ އަށް ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް ނޭމާ ހުރީ އެ އެވޯޑަށް ވުރެ ބޮޑަށް 2002 ވަނަ އަހަރަށްފަހު ބްރެޒިލްގެ ގައުމީ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގެ ވިސްނުމުގައެވެ.

"ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުން ވަނީ ވޯލްޑް ކަޕް ކާމިޔާބުކުރަން. މި މުބާރާތް ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން މިހުރީ ތައްޔާރަށް. އަދި އަހަރެންގެ އެންމެ މޮޅު ކުޅުން ވެސް ދައްކަން މިހުރީ ތައްޔާރަށް" ނޭމާ ބުންޏެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ބްރެޒިލް އިން މިރޭ ކުޅޭއިރު މިދިޔަ ފެބްރުއަރީ މަހު ލިބުނު އަނިޔާ އިން ނޭމާ އަދިވެސް މުޅިން ފިޓުނުވާ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ބުނެފައެވެ. ނަމަވެސް އެންމެފަހުން ބްރެޒިލް އިން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ނޭމާ ކުޅެފައިވާއިރު އެ ދެ މެޗުގައި ވެސް ނޭމާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

"އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުމަށް އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އަހަންނަށް މާ ރަނގަޅަށް ޝޫޓު ކުރަން ނުވަތަ ގޯލު ޖަހަން ނޭނގިދާނެ. އެކަމަކު ޑްރިބްލް ކުރަން އަހަންނަށް ވަރަށް ރަނގަޅަށް އިނގޭނެ" ނޭމާ ބުންޏެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލް އިން މިރޭ ނިކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.