ޣައްޒާ އަށް އެހީތެރިވުމުގެ ގޮތުން "ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" ގެ ނަމުގައި ބާއްވާ ފަންޑްރައިޒިން އިވެންޓަށް 60،000 ވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އީޓޫއެސްއިން ބުނެފިއެވެ.

"ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" އަކީ އޫރިދޫއާއި އީޓޫއެސް ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ ޕަބްޖީއެވެ.

އީޓޫއެސް އާއި އުރީދޫ ގުޅިގެން ބާއްވާ މި މުބާރާތުގައި 200 އަށްވުރެ ގިނަ ގޭމިން ޓީމުތައް ހިމެނޭ ކްލަބްތައް ޕާޓްނަރ ވެފައިވާއިރު، މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއި ކަމަށް އީޓުއެސް އިން ވަނީ ބުނެފައެވެ.

އީޓޫއެސް އިން ބުނީ، މުބާރާތް އިއުލާން ކުރުމާއި އެކީ ފަންޑްރައިޒިންއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 61,450 އަށްވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އެފަރާތުން ބުންޏެވެ.

އެހީ ހޯދުމަށް ޒުވާނުން ބުރަ މަސައްކަތް ކުރަމުން އަންނަ ކަމަށް އީޓޫއެސްއިން ވަނީ ފާހަގަ ކޮށްފައެވެ.

"ޑޮނޭޝަންސް ހޯދުމަށް ޒުވާނުން އެކީ ބުރަކޮށް މަސައްކަތް ކުރަމުން ގެންދޭ. އަދި އެތައް ބައެއްގެ އެއްބާރުލުމާ ތަރުހީބު ލިބޭ. ޒުވާނުން މިގޮތަށް މަސައްކަތް ކުރާތީ ހިތްވަރު ދިނުމަށް ވެސް ޑޮނޭޝަންސް ދޭ ބައެއް ފަރާތްތަކުން. ފަލަސްތީނަށް އެހީވުމަށް ދިވެހިން ފަހެއް ނުޖެހޭނެ" އީޓޫއެސްގެ އޮފިޝަލަކު ބުންޏެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ޕަބްޖީ މުބާރާތުގައި މިހާތަނަށް 600 އަށް ވުރެ ގިނަ ދިވެހި ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ކޮވިޑުގެ މިހާލަތުގައި އެންމެން ގޭގައި ތިބޭ މިފަދަ ދަނޑިވަޅެއްގައި ޒުވާނުން އިސްނަގައިގެން ކުރިއަށް މިގެންދާ ހަރަކާތަށް ގިނަ ބަޔަކު ތާއީދު ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކީކަން ދެއްކުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މުބާރާތް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކު ޕޭޖް އަދި ޔޫޓިއުބުން ލައިވް ކުރާނެ ކަމަށް އީޓޫއެސްއިން ވަނީ ބުނެފައެވެ.

އީޓޫއެސްއަކީ އުރީދޫއާއި ގުޅިގެން ރާއްޖޭގައި ގޭމިން މުބާރާތްތައް ބާއްވަމުން އަންނަ އެންމެ ބޮޑު ޕްލެޓްފޯމްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތު ވެސް އީޓޫއެސް އިން ވަނީ ގޭމާސް އަށް 200،000 އަށްވުރެ ގިނަ ފައިސާ އިނާމުގެ ގޮތުގައި ދީފައެވެ. މިކަމުގު ސަބަބުން ގިނަ ބަޔަކު އެފަރާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކޮށްލެވެއެވެ.

ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތްތަކުން އީޓޫއެސްގެ ބީއެމްއެލް އެކައުންޓް 7730000263764 އަށް ފައިސާ ފޮނުވޭނެއެވެ. އަދި ސްލިޕް 7699138 އަށް ފޮނުވުމަށް އީޓޫއެސްއިން އެދެއެވެ.