ޗައިނާގައި މިމަހު ފަށާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިިންޓް ކޮލިފިކޭޝަނަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި ޓީމުން ކޭމްޕުކުރުމުގެ ކުރިން ނެގި ޓެސްޓުތަކުން ތިން ކުޅުންތެރިއަކާއި ރަށުގައި ކަރަންޓީނުގައި ވަނިކޮށް ކުޅުންތެރިއަކު ފައްސިވުމުން ފައިނަލް ސްކޮޑުން ފުރުސަތު ގެއްލިއްޖެ އެވެ.

މިކަން ބައެއް ކުޅުންތެރިންނާއި އެފްއޭއެމްގެ އިސްވެރިންވެސް ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. ޓީމު ހޮޓެލް ޖެންގައި ކޭމްޕުކުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ނަތީޖާ ފައްސިވީ ޔަސްފާދު ހަބީބު (މުލަކޭ) އާއި އަބްދުﷲ ޔާމިން (ޔާނު) އެވެ.

ހަސަން ރާއިފް (ހަންނަ) ފައްސިވީ ކޭމްޕުކުރުމަށް ފަހު ހެދި ޓެސްޓަކުންނެވެ. އިސްމާއީލް އީސަ (މެސީ) ފައްސިވެފައިވަނީ އޭނާގެ އަމިއްލަ ރަށުގައި ހޯމް ކަރަންޓީނުގައި ހުއްޓަ އެވެ.

ހޮޓެލް ޖެންގައި ގައުމީ ޓީމުން ކޭމްޕުކުރީ ހަރުކަށި އުސޫލުތަކާއެކު އެވެ. މިހާތަނަށް އެކި ފަހަރުމަތިން ޕީސީއާރު ޓެސްޓު ހެދިއިރު އިތުރު އެއްވެސް ކުޅުންތެރިއެއް ފައްސިވެފައެއް ނުވެއެވެ. ޓީމު ޑުބާއިއަށް މިއަދު ހެނދުނު ފުރިއިރު އެ ގައުމުން ޗައިނާއަށް ދިއުމުގެ ކުރިންވެސް ޓީމުގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރާނެ އެވެ.

ގައުމީ ކޯޗަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑުން ރަނގަޅުވެ ފައިނަލް ސްކޮޑުގައި މުހިއްމު ދެ ކުޅުންތެރިއެއް ހިމެނުމުންނެވެ. އެއީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ.

ޗައިނާގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. ގައުމީ ޓީމު ޑުބާއިއަށް ފުރީ މާލޭގައި އެންމެ އެކަށީގެންވާ ގޮތުގައި ތަމްރީނު ނުކުރެވުމުންނެވެ. ހޮޓެލް ޖެންގައި ކޭމްޕުކުރުމަށްފަހު އިތުރު ގޮތެއް ނެތިގެން ޓީމު ފަރިތަކުރީ ހޮޓެލް ޖެންގެ ކާޕެޓުމަތީގައެވެ.

ޓީމު ޑުބާއިއަށް ފުރިއިރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ އަދަދު ވަނީ 23 އަށް ކުޑަކޮށްފައެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ވިސާގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން ދެ ކުޅުންތެރިއަކަށް ޓީމާއެކު ފުރޭގޮތެއް ނުވިއެވެ. އެ ކުޅުންތެރިން ޓީމާއި ގުޅޭނީ އެކަންކަން ފުރިހަމަވުމުންނެވެ.

ޗައިނާގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.