ފީފާ ވޯލްޑް ކަޕްގައި މިޞްރާއި އުރުގުއޭ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ (މޭން އޮފް ދަ މެޗް) ގެ މަޤާމު ލިބުނު މިޞްރު ޓީމުގެ ގޯލް ކީޕަރު، އެއެވޯޑު ލިބިގަތުމަށް އިންކާރުކޮށްފިއެވެ.

މިޞްރުގެ ކީޕަރު މުޙައްމަދު އަލް ޝެނާވީ، މި އެވޯޑު ލިބިގަތުމަށް ދެކޮޅު ހެދީ، އެވޯޑުގެ ސްޕޮންސަރަކީ ބަނގުރާ ކުންފުންޏެއްކަމަށްވާތީއެވެ. މި އަހަރުގެ ވޯލްޑް ކަޕުގައި، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީ، ރަތް ކުލައިގައި ހުންނައިރު، އެޓްރޮފީ ސްޕޮންސަރ ކޮށްފައިވަނީ ބަނގުރާ އުފައްދާ ކުންފުނި، ބުޑްވެއިސާ އެވެ. އަދި، މި އެވޯޑުގައި އެކުންފުނީގެ ލޯގޯވެސް ވަރަށް ބޮޑުކޮށް ފެންނަން އިނދެއެވެ.

އުރުގުއޭ އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ޝަނާވީ، އެވޯޑަށް އިންކާރު ކުރާ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިޔާގައިވެސް އާއްމުވެފައިވެއެވެ. އަދި، އޭނާ އެގޮތަށް ކަންތައް ކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ މުސްލިމުންދަނީ އޭނާއަށް ތަޢުރީފު ކުރަމުންނެވެ.

މިއީ މި މުބާރާތުގައި މުސްލިމު ކުޅުންތެރިޔަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަމަށްވާއިރު، މުބާރާތުގެ އެކި ޓީމުތަކުގައި މުސްލިމު ގިނަ ކުޅުންތެރިން އުޅެއެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި މުސްލިމު ހަތް ޤައުމު ބައިވެރިވެއެވެ. އެއީ ސައުދީ އަރަބިޔާ، މިޞްރު، މޮރޮކޯ، އީރާން، ޓިއުނީޝިޔާ، ސެނެގާލް އަދި ނައިޖީރިޔާ އެވެ. މި ޤައުމުތަކުގެ އިތުރުން، އެހެން ޤައުމުތަކުގެ ޓީމުތަކުގައިވެސް މުސްލިމު ކުޅުންތެރިން އުޅެއެވެ.