އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިވަޕޫލާއި ޗެލްސީން ހޯދައިފިއެވެ.

ލިވަޕޫލް އިން އެ ޖާގަ ހޯދީ މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން ލީގުގެ ތިންވަނަ މަގާމާއެކުއެވެ.

ޗެލްސީ މިރޭ ރަށުން ބޭރުގައި އެސްޓަންވިލާ އަތުން 2-1 އިން ބަލިވި ނަމަވެސް އެޓީމަށް ލީގުގެ ހަތަރުވަނަ ލިބުނީ ޓޮޓެންހަމް އަތުން 4-2 ނަތީޖާއަކުން ލެސްޓަ ސިޓީ ބަލިވުމާ ގުޅިގެންނެވެ.

ލިވަޕޫލާއި ޗެލްސީގެ އިތުރުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ދެން ވާދަ ކުރާ އިނގިރޭސި ދެޓީމަކީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ރަނަރަޕް މެންޗެސްޓާ ޔުނައިޓެޑެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމުގެ ބީރު ހީވެފައި އޮތް ލިވަޕޫލް މިރޭ ޕެލެސް އަތުން މޮޅުވިއިރު މި މެޗުގައި އެޓީމުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ ސަޑިއޯ މާނޭއެވެ.

އަދި ޗެލްސީ މިރޭ އެސްޓަންވިލާ އަތުން ބަލިވިއިރު، އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އެވެ. އެސްޓަންވިލާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޓްރައޯރޭ އާއި ޖެކް ގްރީލިޝްއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެމްޕިއަން ސިޓީން ވަނީ 5-0 އިން އެވަޓަންގެ އަތުން މޮޅުވެފައެވެ.

ލީގުގެ ދެވަނަ ހޯދި މެންޗެސްޓަރ ޔުނައިޓެޑުން 2-1 އިން ވުލްވްސް ބަލިކުރިއިރު، އާސެނަލް ވަނީ ބްރައިޓަންގެ މައްޗަށް 2-0 އިން ނަތީޖާއަކުން ކުރި ހޯދާފައެވެ.