އެލެގްޒެންޑާ ކޮލަރޯވްގެ ހިތްގައިމު ގޯލުން ކޮސްޓަރީކާގެ މައްޗަށް 0-1 އިން ސާބިއާ އިން ކުރި ހޯދައިފިއެވެ.

ގްރޫޕް އީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން ކޮސްޓަރީކާ އިން ވަނީ މެޗުގެ ކުރީކޮޅު ސާބިއާގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ކޮސްޓަރީކާގެ މާކޯ ޔުރީނާ އާއި ގޮންޒާލޭޒް ފޮނުވާލި ހަމަލާތައް ސާބިއާގެ ކީޕަރު ސްޓޮއިކޮވިޗް ދިފާއުކުރިއިރު ގޮންޒާލޭޒް ފޮނުވާލި އިތުރު ހަމަލާއެއް ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ސާބިއާ އާއި ކޮސްޓަރީކާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެންދިޔައިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ސާބިއާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ސަވިޗްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކޮސްޓަރީކާގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސާބިއާ އިން ވަނީ ލީޑު ނަގާފައެވެ. ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާގެ ބޭރުން ސާބިއާ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޯމާ އަށް ކުޅެމުން އަންނަ ކޮލަރޯވްއެވެ.

މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ސާބިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ކޮސްޓަރީކާގެ ފަރާތުން މި ހާފުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ސާބިއާގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ވަނީ ކުރެވޭ ގޮތް ނުވެފައެވެ.

ސާބިއާ އާއި ކޮސްޓަރީކާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި މެޗުން ސާބިއާ މޮޅުވިއިރު މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ސާބިއާ މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ގްރޫޕްގައި ސާބިއާ ދެން ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. ކޮސްޓަރީކާ ނިކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.