ބްރެޒިލް އަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޤައުމެވެ. އަމިއްލަ ޤައުމުގައި 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަން އަތުން ތަފާތު ބޮޑުކޮށް ބަލިވި ނަތީޖާ ހަނދާން ނައްތާލުމަށް ފަހު، ބްރެޒިލް އިން މި ފަހަރު ނުކުންނަނީ ހަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕަށް ފަހު، ބްރެޒިލްގެ ޓީީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި އޮތް ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން، މި އަހަރުގެ ސްކޮޑްގައި ހިމެނެނީ އެންމެ ހަ ކުޅުންތެރިންނެވެ. ކޯޗު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ ނަތީޖާތައް ވަނީ ރަނގަޅުވެފަ އެެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވީ ބާކީ ހަތަރު މެޗު އޮއްވަ އެވެ.

އަނިޔާ އަށް ފަހުން އަލުން ކުޅެން ނުކުމެފައިވާ ބްރެޒިލްގެ ކެޕްޓަން ނޭމާ މިހާރު ހުރީ މުޅިން ފިޓުވެފަ އެވެ. މިރޭގެ ސްވިޓްޒަލޭންޑާ ދެކޮޅަށް ބްރެޒިލްގެ ފުރަތަމަ 11ގައި ނޭމާ ކުޅޭނެ ކަމަށް ބެލެވެ އެވެ.

ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު، ސްވިޓްޒަލޭންޑް ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިން، ސްވިޓްޒަލޭންޑް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ބްރެޒިލް އާއި ސްވިޓްޒަލޭންޑް ވޯލްޑް ކަޕެއްގައި މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. ނަވާރަ ސަތޭކަ ފަންސާސް ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޤައުމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެނެވެ. ބްރެޒިލް އާއި ސްވިޓްޒަލޭންޑް ޖުމްލަ 8 ފަހަރު ބައްދަލުކޮށްފައިވާއިރު، ބްރެޒިލް މޮޅުވީ ތިން މެޗުންނެވެ. ސްވިޓްޒަލޭންޑް ވަނީ ދެ މެޗުން މޮޅުވެފަ އެވެ.

ބްރެޒިލް:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބްރެޒިލް އެންމެ ފަހުން ކުޅުނު 12 މެޗުން ބައްޔެއް ނުވޭ. މީގެ ތެރެއިން 10 މެޗު ވަނީ ކާމިޔާބުކޮށްފަ.

ވޯލްޑް ކަޕްގައި ބްރެޒިލް އެންމެ ފަހުން ކުޅުނު އޯޕެނިން 18 މެޗުގެ ތެރެއިން 16 މެޗު ވަނީ ކާމިޔާބުކޮށްފަ.

ބްރެޒިލް އިން އެންމެ ފަހުގެ ވޯލްޑް ކަޕްގައި ޖެހި 11 ލަނޑުގެ ތެރެއިން، ފަސް ލަނޑުގައި ނޭމާގެ ދައުރެއްވޭ.

ސްވިޓްޒަލޭންޑް:

އެންމެ ފަހުން ސްވިޓްޒަލޭންޑް ވާދަކުރި ހަތަރު ވޯލްޑް ކަޕްގައި ވެސް ކުޅުނު އޯޕަނިން މެޗުތަކުން އެ ޓީމު ބައްޔެއްނުވޭ.

މިއީ ސްވިޓްޒަލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވި 11 ވަނަ ފަހަރު

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ އެއްވަނަ މަގާމު ސްވިޓްޒަލޭންޑަށް މިހާތަަނަށް ލިބުނީ އެންމެ ފަހަރަކު.

އެނގޭތަ؟

ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރި ހަމައެކަނި ޤައުމެވެ.