ވޯލްޑް ކަޕްގައި މިރޭ ސްވިޒަލޭންޑާއި ހުނަރުވެރި ގިނަ ކުޅުންތެރިން ހިމެނޭ ބްރެޒިލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ގްރޫޕް އީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ބްރެޒިލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ ފުރަތަމަ ފުރުސަތު ވެސް ތަނަވަސްކުރީ އެޓީމުންނެވެ. ނަމަވެސް ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޕައުލީނިއޯ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި ފުރުސަތުގެ ބޭނުން ބްރެޒިލް އަށް ނުހިފުނު ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި ފިލިޕޭ ކުޓީނިއޯ ވަނީ ހިތްގައިމު ގޯލަކުން އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލް އިން ކުޅުނުއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިއާގޯ ސިލްވާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ސްވިޒަލޭންޑްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ބްރެޒިލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސްޓީވެން ޒުބާ ވަނީ ސްވިޒަލޭންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބްރެޒިލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ސްވިޒަލޭންޑުން ނަތީޖާ އެއްވަރުކުރުމާއެކު ބްރެޒިލް އިން ދިޔައީ އަލުން ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު މިރާންޑާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މީގެއިތުރުން ނޭމާ ވެސް ވަނީ ސްވިޒަލޭންޑްގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ.
ގޯލަށްފަހު ސްވިޒަލޭންޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހިލައިގެން ކުޅުނުއިރު އެޓީމުގެ ޑިފެންސްލައިންގައި ހަރަކާތްތެރިވި ކުޅުންތެރިންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މެޗު އެއްވަރުވިއިރު މިއީ 1978 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބްރެޒިލް އަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ.
މި މެޗާއެކު ގްރޫޕް އީގެ ފުރަތަމަ މެޗުތައް މިހާރު ކުޅެ ނިމިފައިވާއިރު މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސާބިއާއެވެ. ބްރެޒިލް އާއި ސްވިޒަލޭންޑަށް އެއް ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ކޮސްޓަރީކާއެވެ.
މި ގްރޫޕްގައި ބްރެޒިލް ދެން ބައްދަލުކުރާނީ ކޮސްޓަރީކާއާއެވެ. ސްވިޒަލޭންޑް ނިކުންނާނީ ސާބިޔާއާ ދެކޮޅަށެވެ.
ނޭމާ މޮޅުވާނީ ކުޅެންފެށުމުގެ ކުރިން
ނޭމާ މޮޅީ އެކްޓުކުރަން
ނޭމާއަށް އިނގުނީ ހުސް ވެއްޓެން....ކުޅޭކަށް ނޭނގުނު????????
ހަމަ ތެދެއްތި ބުނީ ތަލަބޯ.... ނޭމަރއަށް އިނގުނީ ހުސް ވެއްޓެން