ޕޮލޭންޑްގެ ގުޑާންސްކް ގައި މިރޭ ކުޅޭ ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗަށް އެ ގައުމަށް ދިޔަ މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންތަކަކަށް ހަމަލާތަކެއް އަމާޒުވެއްޖެ އެވެ.

ޔުރޮޕާ ލީގުގެ ފައިނަލުގައި ސްޕެއިންގެ ވިޔަރެއާލް އާއި އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 00:00 ގައެވެ. މި މެޗު ބެލުމަށް 2000 އެއްހާ އިނގިރޭސި ސަޕޯޓަރުން ވަނީ ޕޮލޭންޑަށް ދަތުރުކޮށްފައެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހަމަލާދޭ ވީޑިއޯތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހަމަލާދިނީ ޕޮލޭންޑުގެ ބައެކެވެ. އެ ގައުމުގެ ބައެއް މީޑިއާތައް ބުނާގޮތުން އެއީ ޕޮލޭންޑުގެ ފުޓުބޯޅަ ސަޕޯޓަރުންތަކެކެވެ.

"ބޮޑު ގޭންގެއްގެ ބަޔަކު އެއީ، ކަޅު މާސްކު އަޅައިގެން ތިބީ، ފުޅި އަދި އެކި ވައްތަރުގެ ކުނި އުކި، ބައެއް މީހުންނަށް އަނިިޔާކޮށް ބިންމައްޗަށް ވައްޓާ ހެދި، ގެއްލުންވި ބައެއް މީހުންނަށް، މިކަމާ ގިނަ މީހުން ތިބީ ވަރަށް ބިރުން" ސްކައި ސްޕޯޓްސް އާއި ވާހަކަދައްކަމުން ޔުނައިޓެޑުގެ ސަޕޯޓަރަކު ބުންޏެވެ.

މިކަމާއި ގުޅިގެން ގުޑާންސްކް ގެ މޭޔަރު އެލެކްސެންޑަރ ވަނީ މިކަން ކުށްވެރިކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނީ ގާތްގަނޑަކަށް 20 ނޫނީ 30 ވަރަކަށް މީހުން ވެގެން ޔުރޮޕާ ލީގު ބަލަން އައި ސަޕޯޓަރުންތަކަކަށް ހަމަލާދިން ދިނުން ބަލައިނުގަނެވޭނެ ކަމަށާއި އެ ސިޓީއަކީ އެފަދަ ކަންކަމަށް އޮތް ތަނެއް ނޫން ކަމަށެވެ.

މި މެޗަށް ޔުނައިޓެޑް އަދި ވިޔަރެއާލް، މިއިން ކޮންމެ ޓީމަކަށް 2000 ޓިކެޓު ވަނީ ހަމަޖެހިފައެވެ. މި މެޗު ބެލުމަށް ވިޔަރެއާލް އަށްވުރެ ޔުނައިޓެޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޕޮލޭންޑަށް ދަތުރުކޮށްފައެވެ. މި މެޗަށް ޔުނައިޓެޑުން ވަނީ ޓިކެޓު އޮތް މީހުންނަށް އިނގިރޭސިވިލާތުން ޕޮލޭންޑަށް ޗާޓަރ ފްލައިޓުތަކެއް ހަމަޖައްސާފައެވެ.

ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އެފަހަރު ޔުނައިޓެޑު ތަށި އުފުލާލީ އަޔެކްސް 2-0 އިން ބަލިކޮށްގެންނެވެ. މި ތަށި ކާމިޔާބުކުރެވިއްޖެ ނަމަ މިއީ އެ ޓީމުގެ ކޯޗު ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބެވެ.

ކިޔުންތެރިންގެ ހިޔާލު