ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންގެ ވިޔަރެއާލް ހޯދައިފިއެވެ.

ޕޮލޭންޑްގެ ގުޑާންސްކް ގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. އެއާއެކު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމުން ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން ވިޔަރެއާލް މެޗު ކާމިޔާބުކުރީ 11-10 އިންނެވެ.

ޕެނަލްޓީގައި ވިޔަރެއާލްގެ ހުރިހާ ކުޅުންތެރިން ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން އަދި ކީޕަރު ޖެހި ޕެނަލްޓީއާއެކު އެވެ. ޔުނައިޓެޑަށް ނާކާމިޔާބުވީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ޑެހެއާ ފޮނުވާލި ބޯޅަ ވިޔަރެއާލްގެ ކީޕަރު އާޖެންޓީނާގެ ޖެރޮނިމޯ ރުލީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޕެނަލްޓީ ކާމިޔާބު ނުވުމުން ޑެހެއާ އާއެކު ޔުނައިޓެޑުގެ ކުޅުންތެރިން

މިއީ ޔޫރަޕުގެ ކުލަބު މުބާރާތަކުން ވިޔަރެއާލަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެ ކުލަބަށް 100 އަހަރު ފުރެން ގާތްވެފައިވާއިރު މިއީ އެ ކުލަބަށް ލިބިގެންދިޔަ ބޮޑު ޝަރަފެކެވެ.

މި ކާމިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބޭނީ ވިޔަރެއާލްގެ ކޯޗު އުނެއި އެމެރީއަށެވެ. އޭނާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ މީގެކުރިން ސްޕެއިންގެ ސެވިއްޔާއަަށް ތިން ފަހަރެއްގެ މަތިން ޔުރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އާސެނަލް އާއި ހަވާލުވެ ޔުރޮޕާ ލީގުގައި މާބޮޑު ކާމިޔާބެއް ނުހޯދެއެވެ.

މި ކާމިޔާބީއާއެކު އެމެރީ ވެގެންގޮސްފައިވަނީ ޔޫރަޕުގެ ބޮޑު މުބާރާތްތަކުގައި ހަތަރު ތަށި ހޯދި ހަތަރުވަނަ ކޯޗަށެވެ. އަދި ތަފާތު ތިން ޓީމެއް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ކޯޗަށެވެ. މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ވަނީ 2017 ވަނަ އަހަރު ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. މިއީ ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ހަވާލުވި ފަހުން އޮލެ ގުނަ ސޯލްޝެއާގެ ފުރަތަމަ ފައިނަަލެވެ. އެ ޓީމު ވަނީ ހަތަރު ފަހަރެއްގެ މަތިން ހަތަރު މުބާރާތެއްގެ ސެމީފައިނަލުން ބަލިވެފައެވެ.