ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ހެޓްރިކެއް ހެދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިންގްލޭންޑް ޓީމުގެ ފޯވާޑް އަދި ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ޓިއުނީޝިޔާއާ ދެކޮޅަށް އިންގްލޭންޑް ނިކުންނައިރު މިފަހަރުގެ މުބާރާތުގައި މިހާތަނަށް ހެޓްރިކެއް ހަދާފައިވާ އެންމެ ކުޅުންތެރިއެކެވެ. އެއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ހެޓްރިކް ހެދީ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކޮށް 3-3 އިން އެއްވަރުވި މެޗުގައެވެ.
އެ ތިން ގޯލާއެކު ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމުގެ ރޭހުގެ ކުރިއަށް ރޮނާލްޑޯ ޖެހިލާފައިވާއިރު ކޭން ހުރީ މިރޭގެ މެޗުގައި ހެޓްރިކެއް ހެދުމަށްފަހު ރޮނާލްޑޯއާ އަރާ ހަމަކުރެވޭނެ ކަމުގެ އުއްމީދުގައެވެ.
"ރޮނާލްޑޯގެ ތިން ގޯލާއެކު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގެ ތެރެއަށް އަހަރެން މިވަނީ ވެއްޓިފަ. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ވެސް ފެނުނު. އުއްމީދަކީ އަހަންނަށް ވެސް މިރޭ ހެޓްރިކެއް ފުރިހަމަ ކުރެވި ރޮނާލްޑޯއާ އަރާ ހަމަކުރެވުން. އެކަމަކު ރަންބޫޓު ކާމިޔާބުކުރުމާ މެދު އަހަރެން އަދި ނުވިސްނަން. އެކަމާ އަހަރެން ވިސްނާނީ އަދި ތަންކޮޅެއް ފަހުން" ޓޮޓެންހަމް އަށް ކުޅެމުން އަންނަ ކޭން ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ކޭން ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށްވާއިރު އޭނާ ބުނީ ފާއިތުވި ހަތަރު އަހަރުތެރޭ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ގޮސްފައިވާ ކަމަށާއި އޭނާގެ ގައިގައި ހުރި ފެންވަރު މުޅި ދުނިޔެއަށް ދައްކާލަން ތައްޔާރަށް ހުރި ކަމަށެވެ.
"މީގެ ހަތަރު އަހަރު ކުރިން އަހަރެން ވޯލްޑް ކަޕް ބެލީ ޗުއްޓީގައި އޮވެ. ހުރިހާ ކަމެއް ވެސް ބަދަލުވެގެންދިޔައީ ޓޮޓެންހަމްގެ ކޯޗަކަށް ޕޮޗެޓީނޯ އައި ހިސާބުން. އެހާ ހިސާބުން ފެށިގެން ބުރަކޮށް މަސައްކަތްކޮށް ކުޅުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އަހަރެން ދިޔައީ ހިފަމުން. ފާއިތުވި އަހަރުތަކުގައި އަހަރެންގެ ފެންވަރު ވާނީ ސާބިތުކޮށްދީފައި. މިހާރު އަހަރެން ބޭނުން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ފެންވަރު ދައްކާލަން" ކޭން ބުންޏެވެ.
ޒުވާން ސްކޮޑަކާއެކު އިންގްލޭންޑުން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖާއި ހިސާބުންނެވެ.
އިންގްލޭންޑާއި ޓިއުނީޝިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.
ތި ހެޓްރިކެއް ނުހެދުނިއްޔާ މައެ ވަރަށް ހެޕީ ވާނެ