ފެންވަރުގެ ގޮތުން ބަލާއިރު އާޖެންޓީނާ އަށްވުރެ ބެލްޖިއަމް މޮޅު ކަމަށް ޕެނަމާ ޓީމުގެ ހެނާން ޑާރިއޯ ގޮމޭޒް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ޕެނަމާ އިން ނިކުންނައިރު ބެލްޖިއަމް ޓީމަކީ މަޝްހޫރު ގިނަ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އޭގެތެރޭގައި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޑެން ހަޒާޑް އާއި ކެވިން ޑެ ބްރައިނާގެ އިތުރުން ރޮމެލޫ ލުކާކޫ ހިމެނެއެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ބެލްޖިއަމް ހިމެނޭއިރު ދާދިފަހުން އައިސްލޭންޑުން ވަރުގަދަ އާޖެންޓީނާ މޮޅުވިޔަނުދީ ހިފަހައްޓާފައިވުމުން އެފަދަ ގޮތެއް ޕެނަމާ އަށް ވެސް ބެލްޖިއަމްއާ ދޭތެރޭ މިރޭ ހެދިދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕެނަމާ ޓީމުގެ ކޯޗު ގޮމޭޒް ބުނީ މިރޭގެ މެޗުގައި ކޮންމެފަދަ ގޮތެއް ވެސް ވެދާނެ ކަމަށާއި ނަމަވެސް ފެންވަރުގެ ގޮތުން ބަލާއިރު އާޖެންޓީނާ އޮތީ ބެލްޖިއަމްއާ އެއް ހިސާބެއްގައި ނޫން ކަމަށެވެ.

"އާޖެންޓީނާ އާއި އައިސްލޭންޑާއި ދެމެދު ނެތް މާބޮޑު ފަރަގެއް. އެކަމަކު އަހަރުމެންނާއި ބެލްޖިއަމްއާ ދެމެދު އެބައިން ވަރަށް ބޮޑު ފަރަގެއް. މިރޭގެ މެޗުގެ ފެވަރިޓުންނަކީ އަހަރުމެންނެއް ނޫން. އެކަމަކު ކޮންމެ ގޮތެއް ވެސް ހަމަވެދާނެ" ގޮމޭޒް ބުންޏެވެ.

މިރޭގެ މެޗުގެ ފެވަރިޓުންނަށް ޕެނަމާ ނުވި ނަމަވެސް ރަނގަޅަށް ކަންތައްތައް ދާ ދުވަހެއްގައި ކޮންމެވެސް ކަމެއް އެޓީމަށް ވެސް ކުރެވިދާނެ ކަމަށާއި ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށްވެސް ގޮމޭޒް ބުންޏެވެ.

"އަހަރުމެން މިރޭ ނިކުންނަނީ އާދަޔާ ހިލާފު ކުޅުންތެރިން ތިބި އަދި މޮޅެއް ކޯޗެއް ހުރި ޓީމަކާއި ދެކޮޅަށް. ބެލްޖިއަމް އަކީ މި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ޓީމެއް. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ހަމަ ވެދާނެ. ކޮންމެ ނަތީޖާ އެއްވެސް ހަމަ ނިކުމެދާނެ. ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް. އަހަރުމެން ބޭނުންވަނީ މުސްތަގުބަލުގައި ވޯލްޑް ކަޕްގައި ވާދަކުރާ ޕެނަމާގެ ޓީމުތަކަށް ނަމޫނާއެއް ދައްކަން" ގޮމޭޒް ބުންޏެވެ.

ގްރޫޕް ޖީގައި ހިމެނޭ ބެލްޖިއަމް އާއި ޕެނަމާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރުއެވެ.