ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ނުކަޓާނެ ކަމަށް އެޓީމުގެ ކޯޗު ޔޮކީމް ލޯވް ބުނެފިއެވެ.

ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު ރޭ ވަނީ މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯއާ ބައްދަލުކޮށް 0-1 އިން ބަލިވެފައެވެ.

ރޭގެ މެޗުން ޖަރުމަނު ބަލިވިއިރު އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ޓީމުގެ ތެރެއިން ތިން ޓީމު ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ ފްރާންސް އާއި އިޓަލީ އަދި ސްޕެއިންއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗު ލޯވް ބުނީ އެހެން ޓީމުތަކަށް އެފަދަ ދިމާވި ސަބަބެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ޖަރުމަނު ގްރޫޕް ސްޓޭޖުން ނުކަޓާނެ ކަމަށެވެ.

"އެޓީމުތަކަށް ދިމާވި ގޮތް އަހަރުމެންނަށް ދިމާނުވާނެ. އަހަރުމެން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނަން" ލޯވް ބުންޏެވެ.

މެކްސިކޯ އަތުން ބަލިވި ނަމަވެސް އަދި ކަންބޮޑުވާން ނުޖެހޭ ކަމަށާއި މިފަދަ ކަންތައްތަކުން އަރައިގަންނާނެ ގޮތް ކުޅުންތެރިންނަށް އިނގޭނެ ކަމަށްވެސް ލޯވް ބުންޏެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗަކީ މޮޅުވުން މަޖުރޫބު މެޗެއް ކަމަށްވެސް އޭނާ ބުންޏެވެ.

"ރޭގެ މެޗުން ބަލިވިއަސް އަހަރުމެންގެ ގޭމް ޕްލޭން އަކަށް ބަދަލެއް ވެސް ނާންނާނެ. ކަންތައްތައް ރަނގަޅުކޮށް އިތުރު ކުރިއެރުންތައް ހޯދަން އަހަރުމެންނަށް އަދިވެސް ފުރުސަތު އެބައޮތް. އެންމެ މެޗަކުން ބަލިވިޔަސް އަހަރުމެން އަދި ދުލެއް ނުދޭނަން" ލޯވް ބުންޏެވެ.

ޖަރުމަނު ރޭ ބަލިވިއިރު މިއީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވި ދެވަނަ ފަހަރެވެ. ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު އެންމެފަހުން ބަލިވީ 1982 ވަނަ އަހަރު އަލްޖީރިއާ އަތުންނެވެ. ނަމަވެސް އެފަހަރުގެ މުބާރާތުގެ ފައިނަލަށް ޖަރުމަނު ދަތުރުކުރިކަން ފާހަގަކޮށްލެވެއެވެ.

މި މުބާޜާތުގައި ޖަރުމަނު ދެން ބައްދަލުކުރާނީ ސްވިޑެންއާއެވެ.