ރެއާލް މެޑްރިޑްގެ ކޯޗުކަމުން ފްރާންސްގެ ޒައިނުއްދީން ޒިދާން ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސީޒަނުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެއާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ކޯޗު ޒިދާނަށެވެ. އޭނާ އެ ކުލަބު ދެވަނަ ފަހަރަށް މި ދޫކޮށްލީ އެއްބަސްވުމުގައި 12 މަސް ބާކީ އޮއްވައެވެ.

މަޝްހޫރު "ގޯލް" ޑޮޓްކޮމް އިން ވަނީ މި ސީޒަން ނިމުމުން ޒިދާން އެ ކުލަބު ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އެހެންނަމަވެސް ސްޕެނިޝް ލީގުގައި އެތްލެޓިކް ބިލްބާއޯ އާއި ބައްދަލުކުރި މެޗަށްފަހު ޒިދާން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޒިދާާން ކުއްލިގޮތަކަށް މަގާމު ދޫކޮށްލީ އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

މިއީ ރެއާލުގެ ކޯޗުކަން ދޫކޮށްލަން ޒިދާން ނިންމި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ރެއާލް އާއި ގުޅުނީ 2016 ވަނަ އަހަރުގެ ޖެނުއަރީން 2018 ގެ މެއި މަހުގެ ނިޔަލަށެވެ. އެ ފަހަރު ޒިދާން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ރެއާލަށް ކާމިޔާބުކޮށްދީފައެވެ. އެފަހަރުވެސް ޒިދާން ރެއާލް ދޫކޮށްލީ ކުއްލިގޮތަކަށެވެ. އެއަށްފަހު 2019 ގައި އެނބުރި ރެއާލަށް ގުޅުމަށްފަހު ސްޕެނިޝް ލީގު ކާމިޔާބުުކުރި އެވެ.