ހުސްވެފައިވާ ޓޮޓެންހަމްގެ ކޯޗުކަމުގެ މަޤާމަށް އެ ކުލަބުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަނެއްކާވެސް ގެންނަން އެ ކުލަބުން މަސައްކަތް ފަށައިފިއެވެ.

ނަތީޖާ ދަށްކަމަށް ބުނެ އުމުރުން 49 އަހަރުގެ ކޯޗު ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވިތާ ފަސް އަހަރު ފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް އިން ވަކިކޮށްފައެވެ. އޭގެފަހުން މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާ ގުޅުނީ ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމާއެވެ.

ޕޮޗެޓީނޯ ދުރުކޮށް ޓޮޓެންހަމްގެ ކޯޗުކަން ހަވާލުކުރީ މޮރީނިއޯ އާއެވެ. އޭނާ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ. އެ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި މި ސީޒަން ނިމެންދެން ހަރަކާތްތެރިވަމުން އަންނަނީ އެ ކުލަބުގެ އެކަޑަމީ ކޯޗު ރަޔާން މޭސަން އެވެ. އޭނާގެ ދަށުން އެ ޓީމު ޕްރިމިއަރ ލީގު މި ސީޒަން ނިންމާލީ ތާވަލުގެ ހަތްވަނައިގައި އޮވެގެންނެވެ. އަދި ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފައިވެއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ އިސްވެރިން މިހާރު ވަނީ ޕޮޗެޓީނޯ އަނެއްކާވެސް ގެނައުމަށް ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. މިކަމާއި ގުޅިގެން ޕީއެސްޖީ އަދި ޓޮޓެންހަމް އާއި ދެމެދު އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް ބީބީސީން ބުނެއެވެ.

ޕޮޗެޓީނޯ ވަނީ ޓޮޓެންހަމް އާއި ހަވާލުވެ އެ ކުލަބަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް އެ ޓީމު ގެންގޮސްދިނުން ފާހަގަކޮށްލެވެއެވެ. އެ ޓީމު ފައިނަލުން ބަލިވީ ލިވަޕޫލް އަތުންނެވެ. މީގެއިތުރުން 2015 ގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުން ޗެލްސީ އަތުން ބަލިވުމާއި 2016-17 ގެ ޕްރިމިއަރ ލީގުގެ ދެވަނަ ހޯދިއެވެ.