ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާއިން ބާއްވާ މުބާރާތްތަކުގައި އަވޭ ގޯލު އުސޫލު އުވާލައި "ފައިނަލް 4" ފޯމެޓަށް ބަދަލުވާން ތައްޔާރުވެއްޖެ އެވެ.

އަވޭ ގޯލު ނުވަތަ ރަށުންބޭރުގައި ޖަހާ ލަނޑުތަކުގެ ސިސްޓަމް އުވާލަން ޔުއެފާއިން އުޅޭއިރު އަލަށް ގެންނަން ތައްޔާރުވާ ފައިނަލް 4 ފޯމެޓާއެކު މުބާރާތަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ ފޯމެޓާއެކު އެންމެ ގަދަ 4 ޓީމު ސެންޓްރަލައިޒް ކޮށް ކުޅޭނެއެވެ. މި ފޯމެޓަށް ބަދަލުގެނައުމުގެ މަޝްވަރާތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މިހާރު އުސޫލު އޮތްގޮތުން ދެ ލެގަށް ކުޅޭ މެޗުތަކުގައި ދެ ޓީމު އެގްރިގޭޓް ނަތީޖާއިން އެއްވަރުވެއްޖެ ނަމަ ބަލަނީ ރަށުންބޭރުގައި ޖެހި ގޯލުގެ އަދަދަށެވެ.

ޔޫރަޕުގެ މުބާރާތްތަކުގައި އަވޭ ގޯލު އުސޫލަށް އަމަލުކުރަން ފެށި 1966-1965 ގެ ޔުއެފާ ޗެމްޕިއަންސް ލީގުން ފެށިގެންނެވެ. މި އުސޫލު އުވާލަން ނިންމާ މިހާރު ވަނީ ޔުއެފާގެ އެކްސްކޯއަށް ހުށައަޅާފައެވެ. ރިޕޯޓުތައް ބުނާގޮތުން އެ މަޝްވަރާތަށް މިހާރު އެކްސްކޯގައި ވަނީ ފަށާފައެވެ. މި ނިންމުން ފާސްވެއްޖެ ނަމަ އަމަލުކުރަން ފަށާނީ 2024 އިން ފެށިގެންނެވެ.

ފައިނަލް 4 އުސޫލަކީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުން ފެށިގެން ވާހަކަދެކެވެމުން އައި އުސޫލެކެވެ. އެފަހަރު ދެ ލެގު ނުކުޅެ މެޗުތައް ކުޅުނީ އެއް ދަނޑެއްގައެވެ. އެއާއެކު މި މުބާރާތުގެ ފޯރި އިތުރަށް ގަދަވުމުން އުސޫލަށް ބަދަލު ގެނައުމުގެ ހިޔާލު އައެވެ. އެއާއެކު އަލަށް ހުށައަޅަނީ ސެމީފައިނަލުން ފެށިގެން އެއް ލެގަށް ބަދަލުކުރުމަށެވެ.

ޔުއެފާ އިން "ފައިނަލް 4" ފޯމެޓްގެ ވާހަކަ ބޮޑަށް ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުންނެވެ. ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ ގޮތެއް ނެތުމުން ޔުއެފާ އިން ވަނީ މިިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން އެއް ގައުމެއްގައި ކުޅެފަ އެވެ. އެއީ ދެ ލެގު އުސޫލު ދޫކޮށްލައި މިިނީ ޓޯނަމެންޓެއްގެ ގޮތުގަ އެވެ. ގިނަ ބަޔަކު ވަނީ މި އުސޫލަށް ތާއިދުކޮށްފަައެވެ.