"އަލްމަރްޙޫމް ޒާހިރު ނަސީރު މެމޯރިއަލް ކަޕް" ބޭއްވި ދިވެހި ވެޓެރެންސް ވޮލީބޯލް އެސޯސިއޭޝަން (ޑީވީބީއޭ) އިން މާލޭ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައި އެ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާ ކޮށްފިއެވެ.

ޑީވީބީއޭގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ މި ބައްދަލުވުމަކީ ފާއިތުވި 3 އަހަރު ވޮލީ ފަނޑުވުމާއި ދަށަށް ދިއުމުގެ އިތުރުން ވެރިރަށް މާލޭގައި ވޮލީ ކޯޓުތައް މަދުވުމުގެ ސަބަބުން ސިޓީ ކައުންސިލަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށާއި ދިމާވެފައިވާ ދަތިތައް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މާލެ ސިޓީ ކައުންސިލްގައި ވިލިމާލެދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ނަހުލާ އަލީ އާއި މެމްބަރު ނަރީޝް އާއި އިތުރު ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މާލޭގެ ހުރިހާ ދާއިރާތަކަށް އަމާޒުކޮށް މުބާރާތް ކައުންސިލް އާއި ގުޅިގެން އިންތިޒާމު ކުރުމުގެ މަޝްވަރާ ކޮށްފައިވާ ކަމަށާއި ބީޗް ވޮލީ ކޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކޮށްފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުއްމީދަކީ ސިޓީ ކައުންސިލްގެ އާ ދައުރުގައި ވޮލީ ކުރިއެރުވުމަށާއި ހިއްސާ ކުރެއްވި ކަންކަމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގެ އިތުރުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު އާއި ބައްދަލުވު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ