ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ހައިރާންކޮށްލުމަށްފަހު ޗެލްސީން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު ފައިނަލް މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީން ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނު ނަމަވެސް ޗެލްސީ ވަނީ ވަރަށް މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ.

ޗެލްސީން އެންމެފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. މި ކާމިޔާބީއާއެކު ޗެލްސީއަށް އެންމެ ބޮޑު އުފަލެއް ލިބޭނެ އެކަކަކީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އޭނާ ޗެލްސީއާ ހަވާލުވުމަށްފަހު ސިޓީއާއި ދެކޮޅަށް މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ޗެލްސީ ކާމިިޔާބުކޮށްފައެވެ.

މިއީ ސިޓީގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުން އެ ޓީމު ޖާގަ ހޯދި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ މިފަހަރުގެ ޗެމްޕިއަންސް ލީގު ސިޓީން ކާމިޔާބުކުރާނެ ކަމަށެވެ. އެއީ މިވަގުތަށް ބަލާއިރު ސިޓީ އޮތް ފޯމު ރަނގަޅުވުމުންނެވެ. އަދި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވުމާއެކު އެވެ. ނަމަވެސް ފައިނަލް މެޗުގައި ފެނިގެންދިޔައީ ތަފާތުކޮށެވެ. ދެ ޓީމުންވެސް އަނިޔާއާއި ގުޅިގެން މުހިއްމު ކުޅުންތެރިންތަކެއް ބަދަލުކޮށްފައިވެއެވެ.

ޗެލްސީއަށް ބަލާއިރު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ތިއާގޯ ސިލްވާ ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ފެނިގެންދިޔައި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން ހިތްގައިމު ރީތި ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ޖަރުމަނުގެ 21 އަހަރުގެ ފޯވާޑް ކައި ހަވާޓްޒް އެވެ.

ސިޓީއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ދެވަނަ ހާފުގައި އެ ޓީމުގެ އެޓޭކިން ލައިނުގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑިބްރޭނާ އަށް އަނިޔާވެ ދަނޑުން ބޭލުމުންނެވެ. އެއާއެކު ސިޓީގެ ކުރިޔަށް ލިބޭ ބޯޅަތަކަށް މަޑުޖެހުމެއް އައެވެ. އެއާއެކު ފެނިގެންދިޔައީ އަރިމަތިން ގިނައިން ބޯޅަތައް ކުޅުނު ތަނެވެ. ނަމަވެސް ޗެލްސީގެ ޑިފެންސްލައިން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    މީ ދެން ބްރޭކިންގ ނިއުސް އެއްތަ؟

    5
    9
  2. ޝިދާތާ

    ބްރޭކިންގ ނިއުސް؟؟

    7
    4
  3. އާކިފް

    އަދި ވެސް ބަލި ގަބޫލްނުކުރޭދޯއް😂😂

    5
    1