މިއީ 2006 ވަނަ އަހަރުގެ ފަހުން ސްވިޑަން ވޯލްޑް ކަޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ސްވިޑަން ވޯލްޑް ކަޕަށް މި ފަހަރު ކޮލިފައިވީ ޕްލޭއޮފްގައި ވަރުގަދަ އިޓަލީ ބަލިކުރުމަށް ފަހު އެވެ.

މި މެޗަށް ނުކުންނައިރު ސްވިޑަންގެ ޓީމުގައި އިންޖަރީގެ މައްސަލައެއް ނެތެވެ. ސްވިޑަން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ދިމާވީ ލަނޑު ނުޖެހުމުގެ މައްސަަލައެވެ. އެންމެ ފަހުން ކުުޅުނު ތިން މެޗުގައި ވެސް ސްވިޑަން އަށް ލަނޑެއް ނުޖެހެ އެވެ.
މެޗުގެ ކުރިން ސްވިޑަންގެ ކޯޗު ޖާން އެންޑަސަން ބުނީ ސްވިޑަންގެ ތައްޔާރީތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރަމެންނަށް އެނގޭ އިދިކޮޅަށް ނުކުންނަ ޓީމަކީ ވަރަށް ހަލުވި ޓީމެއްކަން. އަހަރެމެންތެ ތައްޔާރީތަކާމެދު ވަރަށް ހިތްހަމަޖެހޭ،" އެންޑަސަން ބުންޏެވެ.

އޭޝިއާ ވަރުގަދަ ބާރެއް ކަމަށްވާ ދެކުނު ކޮރެއާ ވޯލްޑް ކަޕަށް ކޮލިފައިވީ ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށެވެ. އެކަމަކު ދެކުނު ކޮރެއާ އޮތީ އެހާ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އޭޝިއާގެ ކޮލިފައިންގެ ތިން ވަނަ ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން، ދެކުނު ކޮރެއާ މޮޅުވީ ހަތަރު މެޗުންނެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެއް މެޗުންނެެވެ. ދެކުނު ކޮރެއާ އަށް ވެސް މި މެޗަށް ނުކުންނައިރު އިންޖަރީގެ މައްސަލައެއް ނެތެވެ.

ރަޝިއާގެ ނިޒްނީ ނޮވްގޮރޮޑްގައި ކުޅޭ މި މެޗަށް ދެކުނު ކޮރެއާ އިން ދަތުރުކުރި ސަޕޯޓަރުންގެ އަދަދު 2000 އަށްވުރެ މަދު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު ސްވިޑަން އިން 30،000 އަށްވުރެ ގިނަ ސަޕޯޓަރުން މި މެޗަށް ދަތުރުކޮށްފައިވާ ކަމަށް ބެލެެވެ އެވެ.

ދެކުނު ކޮރެއާގެ ކޯޗު ޝިން ޓައެ ޔޮންގް ބުނީ ދެކުނު ކޮރެއާ އަށް ވެސް އޮތީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށެވެ.
މިއީ ސްވިޑަން އާއި ދެކުނު ކޮރެއާ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސްވިޑަން:

މިއީ ސްވިޑަން ވޯލްޑް ކަޕްގައި ކުޅޭ 12 ވަނަ ފަަހަރު

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ސްވިޑަން އެންމެ ފަހުން ކުޅުނު ނުވަ މެޗުން އެ ޓީމު ބައްޔެއް ނުވޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު އޯޕެނިން ހަތް މެޗުގައި ވެސް ސްވިޑަން އަށް މޮޅެއް ނުލިބޭ.

ދެކުނު ކޮރެއާ:

ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އެންމެ ފަހުން ކުޅުނު ހަތަރު އޯޕެނިން މެޗުން އެ ޓީމު ބައްޔެއް ނުވޭ.

ދެކުނު ކޮރެއާ ވަނީ 1986 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވެފަ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިިން މޮޅުވީ އެންމެ މެޗަކުން.

އެނގޭތަ؟

ދެކުނު ކޮރެއާ އާއި ސްވިޑަން ވަނީ 1948 ވަނަ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކް ގޭމްސްގައި ބައްދަލުކޮށްފަ އެެވެ. އެ މެޗު 12-0 އިން ކާމިޔާބުކުރީ ސްވިޑަން އެވެ.