ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ތިން ޓީމަކަށް ޗައިނާއަށް އެތެރެވުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން އަދި މިހާތަނަށް ދީފައިނުވާތީ ކޮލިފައިން މެޗުތައް ފަސްކުރުމުގެ ފުރުސަަތު އެބައޮތް ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހަމަޖެހިފައިވަނީ ޗައިނާގައެވެ. ކޮލިފައިންގެ މެޗުތައް މިއަދު ވަނީ ފަށާފައެވެ. މެޗުތައް ފެށިއިރު ޗައިނާއަށް އެތެރެވުމުގެ ފުރުސަތު މިހާތަނަށް ލިބުނީ ގުއާމް އަށެވެ. ކޮލިފައިންގައި މިއަދު ޗައިނާ އާއި ގުއާމް ބައްދަލުކުރާނެ އެވެ.

އެފްއޭއެމުން އޮންލައިންކޮށް މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ޗައިނާއިން މިވަގުތު ކަނޑައަޅާފައި ވަނީ ރާއްޖެއާއި ސީރިއާ އަދި ފިލިޕީންސް އަށް އެ ގައުމަަށް އެތެރެވުމުގެ ހުއްދަ ނުދޭގޮތަށެވެ. އަދި ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޗައިނާ ސަރުކާރާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ކަމަށާއި މިކަމާއި ގުޅިގެން އޭއެފްސީން ވަކިގޮތެއް އެންމެ ލަސްވެގެން މާދަމާ ނިންމާނެ ކަމަށެވެ.

ޑުބާއި ގައި ގައުމީ ޓީމުން ފަރިތަކުރަނީ

 

ޗައިނާއަށް ފުރުމުގެ ކުރިން ހެދި ކޮވިޑު ޓެސްޓުތަކުން ރާއްޖޭގެ ދެ ކުޅުންތެެރިއެއް ވަނީ ފައްސިވެފައެވެ. އެއީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި ދެ ކުޅުންތެރިން ފައްސިވެފައިވާއިރު ރާއްޖެއާއި އެއް ގްރޫޕުގައި ހިމެނޭ ފިލިޕީންސް ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސީރިއާ ޓީމަށްވެސް ކޮވިޑުގެ ހިޔަނި ވަނީ އެޅިފައެވެ.

ގައުމީ ޓީމު ޑުބާއި ގައި ކޭމްޕުކުރަނީ،

ބައްސާމް ވިދާޅުވީ ޗައިނާގައި ކުޅެން އޮތް މެޗުތައް ފަސްކޮށްފިނަމަ ދެވަނަ ފަހަރަށް އެ ގައުމުގައި ހޯސްޓުކުރުމުގެ ފުރުސަތު ލިބުން ކުޑަ ކަމަށެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބާކީ ކުޅެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ 3 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.