ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރުގެ ކުޅުން ކުރިޔަށްނުގެންދަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމުމާއެކު ލީގު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ލިބިއްޖެއެވެ.

މީގެކުރިން ލީގު ކުޅޭގޮތަށް ހަމަޖެހިފައިއޮތީ ތިން ބުރު ކުޅޭ ގޮތަށެވެ. ދެވަނަ ބުރާއި އެކު ލީގުގެ ކުޅުން ނިންމާލިކަން ހާމަކޮށްދެއްވީ މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެފްއޭއެމުން މިގޮތަށް ނިންމީ ކޮވިޑުގެ ހާލަތާއި ގުޅިގެން ލީގުގެ ކުޅުން ކުރިޔަށްގެންދަން އުނދަގޫތަކެއް ހުރުމުންނެެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން ބައްސާމް ވިދާޅުވީ ލީގު ނިންމާލަން ނިންމީ ކުލަބުތަކާއެކު މަޝްވަރާކުރުމަށް ފަހު އެފްއޭއެމުގެ އެކްސްކޯ އިންނެވެ.

މިއީ މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ލީގު ޗެމްޕިއަންކަން މާޒިޔާއަށް ލިބުނީ މެޗަކުން ބަލިނުވެ ކުޅުނު 14 މެޗުން 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިންވަނައިގައި ކުލަބް ގްރީންސްޓްރީޓްސް އޮތީ 14 މެޗުން 19 ޕޮއިންޓާ އެކުއެވެ.

މިފަހަރުގެ ސީޒަނުގެ ދެ ބުރުގައި މާޒިޔާއިން ތިން ކޯޗުން ފެނިގެންދިޔަ އެވެ. އެންމެ ފުރަތަމަ ކޯޗުކަމާއި ހަވާލުވީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ސީޒަންގެ ކުރީކޮޅު އޭނާ ވަކިވުމުން ދެން ހަވާލުވީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ދެން އެ ޓީމުގެ ކޯޗުކަމާއި ހަވާލުވީ މިހާރުވެސް އެ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ.

ލީގު ނިންމާލަން އެފްއޭއެމުން ނިންމިއިރު އެ އިދާރާއިން ވަނީ މިއަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންްސް ކަޕުވެސް ނުބާއްވަން ނިންމާފައެވެ. މި މުބާރާތް މިދިޔަ ތިން އަހަރުވެސް ބާއްވާފައެއް ނުވެއެވެ. މިއާއެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ މާޒިޔާގެ އިތުރުން ދެވަނަ ހޯދި ކުލަބް ވެލެންސިއާ އަށެވެ.