ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭގެ މެޗުތައް ކުޅުމަށް ޗައިނާއަށް ދިއުމުގެ ހުއްދަ ބައެއް ޓީމުތަކަށް ނުލިބުމުން އެ ގްރޫޕުގެ ބާކީ ހުރި މެޗުތައް ދުބާއި އަށް ބަދަލުކޮށްފިއެވެ.

ޗައިނާގެ ފުޓްބޯޅައިގެ މައި އިދާރާ (ސީއެފްއޭ) އިން މިކަން ކުލަބުތަކަށް މިހާރު އަންގާފަައިވާއިރު ރާއްޖޭގެ އިތުރުން ސީރިއާ އަދި ފިލިޕީންސް ގައުމީ ޓީމަށްވެސް ޗައިނާއަށް އެތެރެވުމުގެ ހުއްދަ ލިބިފައިނުވެއެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި މިހާރު ޗައިނާގައިވާ ހަމައެކަނި ޓީމަކީ ގުއާމެވެ. އެ ޓީމު ވަނީ އިއްޔެ ޗައިނާ އަތުން 7-0 އިން ބަލިވެފައެވެ.

ކޮލިފައިންގެ ބާކީ މެޗުތައް ދުބާއި އަށް ބަދަލުކުރުމަކީ ގައުމީ ޓީމަށް ފައިދާއެކެވެ. އެއީ ގައުމީ ޓީމުން މިހާރުވެސް ދަނީ ދުބާއި ގައި ތަމްރީނު ފުރިހަމަކުރަމުންނެވެ. އިއްޔެ ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އެހެން ގައުމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަން ސީއެފްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ކޮލިފައިންގެ ބާކީ މެޗުތައް ކުޅުމަށް އެ ގައުމުގެ ސަރުކާރާ އެކު ބޭއްވި ބައްދަލުވުުންތަކުގައި ވަކި ގޮތަކަށް ނުނިމުމުން ބާކީ އޮތް ހަތް މެޗު ދުބާއިގައި ކުޅެން ނިންމާފައިވާ ކަމަށެވެ. ޗައިނާ ސަރުކާރުން ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް އެ ގައުމަށް އެތެރެވުމުގެ ހުއްދި ދީފައިނުވާއިރު މިކަމާއި ގުޅިގެން ޗައިނާގެ ފުޓުބޯޅަ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މެޗުތައް ދުބާއި އަށް ބަދަލުކުރީ އިތުރު ގޮތެއް ނެތިގެންނެވެ.

މެޗުތައް ދުބާއި އަށް ބަދަލުކުރުމުގެ ކުރިން ރާއްޖޭގެ ޓީމު ތައްޔާރުވީ ޗައިނާއަށް ފުރާށެވެ. އޭގެކުރިން ހެދި ޕީސީއާރު ޓެސްޓުތަކުން ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ދެ ކުޅުންތެރިންނަށް ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތަކުގެ ބޮޑުބައެއް ވަނީ މިކަމާއި ގުޅިގެން ގެއްލިފައެވެ. މިހާރު މި ދެ ކުޅުންތެރިން ތިބީ އައިސޮލޭޝަނުގައެވެ.

ރާއްޖެ ކުޅެން އޮތް މެޗު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށެވެ. ނަމަވެސް މެޗުތައް އެހެން ގައުމަކަށް ބަދަލުކުރުމާއެކު ކޮލިފައިންގެ ޝެޑިއުލަށް ބަދަލުގެންނާނެ ކަމަށް ބެލެވެއެވެ.