ގުރޫޕް ޖީގެ ފުރަތަމަ މެޗުގައި ކުރިމަތިލަނީ ވަރަށް ތަފާތު ދެ ޤައުމެެވެ. ބެލްޖިއަމް އަކީ މޮޅެތި ކުޅުންތެރިންނާއެކު، މި އަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދަތުރުކުރުމަށް އުންމީދުކުރަމުންދާ ޤައުމެކެވެ. ވޯލްޑް ކަޕް 2014 އަދި ޔޫރޯ 2016ގައި ކުޅެ، ބެލްޖިއަމްގެ "ރަން ޖީލު" ވަނީ މިހާރު ތަޖުރިބާގެ ގޮތުން ކުރި އަރައިފަ އެވެ.

ޕެނަމާ އަށް މިއީ ފުރަތަމަ ވޯލްޑް ކަޕެެވެ. ވޯލްްްޑް ކަޕަށް ކޮލިފައިވުމަކީ ވެސް އެ ޤައުމަށް ލިބުނު ބޮޑު ކާމިޔާބެެކެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމާއެކު، ޕެނެމާގެ ސަރުކާރުން ވަނީ އުފާފާޅުކުރުމުގެ ގޮތުން އެއް ދުވަހަށް ސަރުކާރު ބަންދުކޮށްފަ އެވެ. ވޯލްޑް ކަޕްގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ޕެނަމާ ނުކުންނައިރު، ޕެނަމާގެ ރައްޔިތުންގެ ސަމާލުކަން ހުއްޓޭނީ މެޗަށެވެ.

ބެލްޖިއަމްގެ ޓީމަށް ބަލާލާއިރު، މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ތޯމަސް ވެމާލަން އަށް ވަނީ އަނިޔާވެފަ އެވެ. ބެލްޖިއަމްގެ ޑިފެންްސްލައިންގައި މިރޭ ކުޅޭނެ ކަމަށް ބެލެވެނީ ޓޯބީ އަލްޑަވެރަލްޑާއި ޔާން ވެޓޮންގަން އަދި ޑެޑީރްކް ބޮޔާޓާ އެވެ.

ޕެނަމާގެ މުހިންމު ވިންގާ އަލްބާޓޯ ކުއިންޓެރޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އެކަމަކު މުބާރާތުގެ ކުރިން އަނިޔާވި ޑިފެންޑަރު ރޯމަން ޓޮރޭސް މިހާރު ވަނީ ފިޓުވެފަ އެވެ.

މިއީ ޕެނަމާ އާއި ބެލްޖިއަމް ބައްދަލުކުރާ ފުރަތަމަ ފަހަރެެވެ.

ބެލްޖިއަމް:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބައްޔެއް ނުވޭ.

މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕްގައި ކުޅުނު މެޗުތަކުން ބަލިނުވެ އޮތް ހަތަރު ޤައުމުގެ ތެރޭގައި ބެލްޖިއަމް ހިމެނޭ.

ބެލްޖިއަމް ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު އޯޕެނިން ނުވަ މެޗުގެ ތެރެއިން، ބަލިވީ އެންމެ މެޗަކުން.

ޕެނަމާ:

ޕެނަމާ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުން.

ކޮލިފައިންގައި ޕެނަމާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެ ކުޅުންތެރިން ކަމަށްވާ ގެބްރިއަލް ޓޮރޭސް އާއި ރޯމަން ޓޮރޭސް، ކޮންމެ ކުޅުންތެރިޔަކު ވެސް ޖެހީ ދެ ލަނޑު.

މި ފަހަރުގެ ވޯލްޑް ކަޕްގައި ފަސް ވަނަ އަށް އެންމެ އުމުރުން ދޮށީ ސްކޮޑެއް އޮތީ ޕެނަމާގައި.

އެނގޭތަ؟

ޕެނަމާގެ ކޯޗު ހެނާން ޑާރިއޯ ގޯމޭޒް އަކީ ވޯލްޑް ކަޕްގައި ތަފާތު ތިން ޤައުމަކަށް ކޯޗުކޮށްދިން ހަތަރު ވަނަ ކޯޗެެވެ. އޭނާ ވަނީ ކުރިން އިކުއެޑޯ އަދި ކޮލަމްބިއާ އަށް ވޯލްޑް ކަޕްގައި އިރުޝާދު ދީފަ އެވެ.