ވޯލްޑް ކަޕްގައި މިއަދު ދެކުނު ކޮރެޔާގެ މައްޗަށް ސްވިޑެން އިން 0-1 އިން ކުރި ހޯދައިފިއެވެ.

ގްރޫޕް އެފްގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްވިޑެންގެ މާކަސް ބާގް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ކޮރެޔާގެ ކީޕަރު ޗޯ ވަނީ ދިފާއުކޮށްފައެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ސްވިޑެންގެ ޓޮއިވޮނެން އަށް ވެސް ގޯލްޖަހާނެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ވެސް ކޮރެޔާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސްވިޑެން އިން ޕެނަލްޓީ ކާމިޔާބުކުރަނީ - ފޮޓޯ: އޭއެފްޕީ

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސްވިޑެން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ޕެނަލްޓީ ސްވިޑެން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަންދްރޭސް ގްރަންކްވިސްޓްއެވެ. މި ޕެނަލްޓީ ސްވިޑެން އަށް ލިބުނީ ކޮރެޔާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ސްވިޑެންގެ ކްލާސެން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް ސްވިޑެން އިން ކޮރެޔާގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައިރު ނަތީޖާ އެއްވަރުކޮށްލަން ކޮރެޔާ އަށް ވަނީ މެޗުގެ ފަހުވަގުތުކޮޅުތެރޭ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ކޮރެޔާގެ ހީޗަން ހުވަންގް ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާއި އަމާޒުވާ ގޮތް ނުވެފައެވެ.

ކޮރެޔާގެ ފަރާތުން މި މެޗުގައި އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މުޅި މެޗުގައި ވެސް އެޓީމަށް ސްވިޑެންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ކޮރެޔާ އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިއަދުގެ މެޗުން ސްވިޑެން މޮޅުވިއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ސްވިޑެން މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ދެކުނު ކޮރެޔާ ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗާއެކު ގްރޫޕް އެފްގެ ފުރަތަމަ ފުރަތަމަ މެޗުތައް ކުޅެ ނިމިފައިވާއިރު މި ގްރޫޕްގައި ހިމެނޭ ސްވިޑެން އާއި މެކްސިކޯ އަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޖަރުމަނާއި ކޮރެޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ގްރޫޕްގައި ސްވިޑެން ދެން ބައްދަލުކުރާނީ ޖަރުމަނާއެވެ. ކޮރެޔާ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.