ފީފާ ވޯލްޑް ކަޕް/ އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތަކުގެ ޝެޑިއުލަށް ގެނައި ބަދަލާއެކު ފުރަތަމަ މެޗުގައި ސީރިއާ އާއި ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މި ޝެޑީއުލަށް ކުއްލި ބަދަލެއް ގެނެސްފައިވަނީ މީގެކުރިން ސެންޓްރަލައިޒް ކޮށް މެޗުތައް ކުޅެން ޗައިނާގައި އޮތް ނަމަވެސް ރާއްޖެ ހިމެނޭހެން ތިން ގައުމަކަށް ޗައިނާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން މެޗުތައް ދުބާއި އަަށް ބަަދަލުކުރުމާއި ގުޅިގެންނެވެ. މެޗުތައް ދުބާއި އަށް ބަދަލުކުރި އިރު ރާއްޖެ ދަނީ އެ ގައުމުގައި ކޭމްޕުކުރަމުންނެވެ.

ޗައިނާގައި މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ މިމަހުގެ 30 އިން ޖޫން 15 ގެ ނިޔަލަށެވެ. ރާއްޖޭގެ ފުރަތަމަ މެޗު ތާވަލުކުރީ ޖޫން 3 ގައެވެ. ނަމަވެސް އަލަށް ގެނައި މި ބަދަލާއެކު ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ ޖޫންް 4 ގައެވެ.

ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. މީގެ ކުރިން އޭއެފްސީން ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި އެއަށްފަހު މި މަހުގެ ހަތްވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ވަނީ މީގެ ދެ ދުވަހެއް ކުރިން ހެދި ކޮވިޑު ޓެސްޓުތަކުން ފައްސިވެފައެވެ. ކަރަންޓީނުގައި 14 ދުވަސް ހޭދަކުރުމަށްފަހު މި ދެ ކުޅުންތެރިންނަށް މެޗު ކުޅުމުގެ ފުރުސަތު ލިބޭނީ ޖޫން 15 ގައި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗަށެވެ.