ވޯލްޑް ކަޕެއްގައި އިންގްލެންޑް އެންމެ ފަހުން މޮޅުވީ 2010 ވަނަ އަހަރެވެ. ގާތްގަނޑަކަށް މީގެ 8 ވަރަކަށް އަހަރު ކުރިން ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި ސްލޮވީނިއާ އަތުން 1-0 އިން އިންގްލެންޑް މޮޅުވިއިރު، އެ މެޗުގައި ކުޅުނު އެެންމެ ކުޅުންތެރިއެއް ވެސް މިހާރު އިންގްލެންޑްގެ ސްކޮޑުގައި ނެެތެވެ.

އިންގްލެންޑްގެ ކޯޗުކަމާ ގެރެތު ސައުތުގޭޓް ހަވާލުވި ފަހުން، އިންގްލެންޑް ޓީމުން ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީ، ޓީމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެެހެންކަމުން އިންގްލެންޑް އިން އުންމީދުކުރާނީ، ވޯލްޑް ކަޕްގައި މޮޅުނުވެ ދިގުދެމިގެންދާ ސިލްސިލާ ނިންމާލުމަށެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ ޓީމުގައި ތިބި ކުޅުންތެރިންނާ ގުޅޭ ސްޓައިލަކަށް ޓީމު ލައްވައި ކުޅުވަން މަސައްކަތްކޮޮށްފައިވާނެ ކަމަށާއި މިރޭގެ މެޗުގައި އެކަން ފެނިގެންދާނެ ކަމަށެވެ.

ޓިއުނީޝިއާ އަކީ މާ މަޝްހޫރު ޓީމަކަށްނުވި ނަމަވެސް، އެ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމަކަށްނުވާނެ އެވެ. އަދި އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ޓިއުނީޝިއާ އިން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

މި މެޗަށް ނުކުންނައިރު ޓިއުނީޝިއާ އަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ވަހްބީ ކަޒްރީ އާއި އަލީ މަލޫލް ފިޓުވި ނަމަވެސް، މުހިންމު ފޯވަޑް ޔޫސެފް މިސާކްނީ އަށް ވަނީ އަނިޔާވެފަ އެވެ.

ޓިއުނީޝިއާގެ ކޯޗު ނަބީލް މަލޫލް ބުނީ ޓިއުނީޝިއާ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި ވަރުގަދަ ގުރޫޕެއްގައި އޮތަސް، ޓިއުނީޝިއާ އުންމީދު ދުލެއް ނުުކުރާނެ ކަމަށެެވެ.

ޓިއުނީޝިއާ އާއި އިންގްލެންޑް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިންގްލެންޑެވެ.

އިންގްލެންޑް:

ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމެއް އަތުން އިންގްލެންޑް މިހާތަނަށް ބައްޔެއް ނުވޭ.

އެންމެ ފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގެ ތެރެއިން، އިންގްލެންޑަށް ގުރޫޕްގެ އެއްވަނަ ލިބުނީ އެންމެ ފަހަރަކު.

މިއީ އިިންގްލެންޑް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭ ހަ ވަނަ ފަހަރު.

ޓިއުނީޝިއާ:

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަަމަ މެޗުގައި މެކްސިކޯ އަތުން 1978 ވަނަ އަހަރު މޮޅުވި ފަހުން ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ޓިއުނީޝިއާ އަށް މޮޅެއް ނުލިބޭ

ޓިއުނީޝިއާ އަކީ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުުކުރި އެފްރިކާގެ ފުރަތަމަ ޤައުމު.

މިއީ 2006 ވަނަ އަހަރުގެ ފަހުން ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަަހަރު.

އެނގޭތަ؟

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، ރަށުން ބޭރުގައި ކުޅޭ އެންމެ ކުޅުންތެރިއެއް ވެސް ނެތް ސްކޮޑަކަށް ހަމައެކަނި އޮތީ އިންގްލެންޑްގެ ސްކޮޑެވެ. އިންގްލެންޑްގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ކުޅެނީ އެ ޤައުމުގަ އެވެ.