ރޮމެލޫ ލުކާކޫގެ ދެ ގޯލާއެކު ޕެނަމާގެ މައްޗަށް 0-3 އިން ބެލްޖިއަމް އިން ކުރި ހޯދައިފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ބެލްޖިއަމް އިން ވަނީ ޕެނަމާގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެޑެން ހަޒާޑް ފޮނުވާލު ދެ ހަމަލާއެއް ޕެނަމާގެ ކީޕަރު ދިފާއުކުރިއިރު މާޓެންސް އާއި ޑެ ބްރައިނާ ވަނީ ދުރުން ބާރު ދެ ހަމަލާއެއް ފޮނުވާލާފައެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޕެނަމާ އިން ޑިފެންސިވް ގޮތަކަށް ކުޅުމުގެ ސަބަބުން މި ހާފުގައި ބެލްޖިއަމް އަށް ފުރުސަތުތައް ތަނަވަސްކުރަން ވަރަށް ބޮޑަށް އުނދަގޫވިކަން ފާހަގަކޮށްލެވެއެވެ.

ބެލްޖިއަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން މާޓެންސް - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެލްޖިއަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު މެޗުގެ 47 ވަނަ މިނެޓްގައި ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މާޓެންސް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޑެ ބްރައިނާ ވަނީ ހިލޭޖެހުމަކުން ޕެނަމާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ގޯލަށްފަހު ބެލްޖިއަމް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 55 ވަނަ މިނެޓްގައި ޕެނަމާގެ މުރީލޯ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ބެލްޖިއަމް އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓްގައެވެ. ޑެ ބްރައިނާ ނަގައިދިން ރީތި ހުރަހެއް ބޮލުން ފޮނުވާލައިގެން މި ގޯލު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލުކާކޫއެވެ. އަދި ހަޒާޑް ދިން ޕާހަކުން މެޗުގެ 75 ވަނަ މިނެޓްގައި ބެލްޖިއަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ލުކާކޫއެވެ.

ބެލްޖިއަމްގެ ދެވަނަ ގޯލު ލުކާކޫ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ލުކާކޫ މިހާރު ވަނީ ބެލްޖިއަމްގެ ޓީމަށް އެންމެފަހުން ކުޅުނު 10 މެޗުގައި 15 ގޯލު ކާމިޔާބުކޮށްފައެވެ.

މިރޭގެ މޮޅާއެކު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަލިނުގެ ބެލްޖިއަމް އިން މިހާރު ވަނީ 10 މެޗު ފުރިހަމަކޮށްފައެވެ. އެ 10 މެޗުގެ ތެރެއިން ބެލްޖިއަމް ފަސް މެޗުން މޮޅުވިއިރު އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ގްރޫޕްގައި ބެލްޖިއަމް އިން ދެން ބައްދަލުކުރާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ. އަދި ޕެނަމާ ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.