އިނގިރޭސި ކުލަބް އެވަަޓަންގެ ކޯޗުކަން ދޫކޮށްލުމަށްފަހު އިޓަލީގެ ކޯޗު ކާލޯ އެންޗެލޮޓީ ރެއާލް މެޑްރިޑުގެ ކޯޗުކަމުގެ މަގާމާއި ދެވަނަ ފަހަރަށް ހަަވާލުވެއްޖެ އެވެ.

އޭނާ ރެއާލްގެ ކޯޗުކަމަށް އަނެއްކާވެސް ހަމަޖެއްސީ އެ ކުލަބުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އެ މަގާާމުން ވަކިވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެންޗެލޮޓީ ރެއާލް އާއި އަނެއްކާވެސް ގުޅުނީ އެވަޓަންގެ ކޯޗުކަމުގައި 18 މަސް ހޭދަކުރުމަށްފަހު އެވެ.

ޒިދާން ވަކިވި އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ހުސްއަތާ ސީޒަން ނިންމާލަަން ޖެހުމުންނެވެ. މީގެއިތުރުން ޒިދާން ހިތްހަމަނުޖެހޭ އެތައް ކަމެއް އެ ކުލަބުގައި ހިނގުމުގެ ސަބަބުންނެވެ.

އެންޗެލޮޓީ އެވަޓަން ދޫކޮށްލީ ކުއްލިގޮތެއްގައެވެ. އޭނާާ ވަކިވުމާއި ގުޅިގެން އެ ކުލަބުން ވަނީ އެންޗެލޮޓީގެ ހިދުމަތްތަކަށް ޝުކުރުއަދާކޮށްފައެވެ. ޗެލްސީގެ ކޯޗުކަންވެސް ކުރިން ކޮށްފައިވާ އެންޗެލޮޓީ އެވަޓަންގެ ކޯޗުކަމާއި ހަވާލުވީ 2019 ގެ ޑިސެމްބަރުގައެވެ. އޭނާ އެވަޓަން ދޫކޮށްލީ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވައެވެ.

މަޝްހޫރު ގޯލް ޑޮޓްކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑުގެ ކޯޗުކަމަށް ކާލޯ އެންޗެލޮޓީ ހަމަޖެއްސީ 3 އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކޯޗުކަމަށް އައުމަށް އެންޗެލޮޓީ އަށް ހުށައެޅުން އައީ މީގެ ފަސް ދުވަސްކުރިން ކަމަށްވެސް އެ ނޫހުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރެއާލުން އެންމެ ފުރަތަމަ މަސައްކަތްކުރީ މަސިމިލިއާނޯ އެލެގްރީ އެ ކުލަބުގެ ކޯޗުކަމަށް ގެންނާށެވެ. ނަމަވެސް އޭނާ ހަވާލުވީ ޔުވެންޓަސްގެ ކޯޗުކަމާއެކު އެއާއެކު ރެއާލުން ދެން މަސައްކަތް ފެށީ އެންޗެލޮޓީ ގެންނާށެވެ. މީގެއިތުުރުން ރެއާލްގެ ޔޫތު ޓީމު ކޯޗު ރައުލް އާއި ހަވާލުކުރަން އުޅޭ ވާހަަކަތަކެއް ވެސް ދެކެވުނެވެ.

ރެއާލްގެ ކޯޗުކަމުގައި އެންޗެލޮޓީ ވަނީ ރަނގަޅު ކާމިޔާބީތަަކެއް ހޯދާފައެވެ. 2013 އިން 2015 އާއި ދެމެދު ހޯދި ކާމިޔާބީތަކަށް ބަލާއިރު ރެއާލުން 2013/14 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި 10 ވަނަ ފަހަރަށް އުފުލާލީ އޭނާގެ ކޯޗުކަމުގެ ދަށުންނެވެ. އެ އަހަރުގެ ކޮޕަ ޑެލްރޭ އާއ ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑްކަޕް ރެއާލުން ހޯދާފައިވެއެވެ.