ފަހުވަގުތު ހެރީ ކޭން ކާމިޔާބުކުރި ގޯލުން ޓިއުނީޝިއާގެ މައްޗަށް 2-1 އިން އިންގްލޭންޑުން ކުރި ހޯދައިފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގައި އިންގްލޭންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވެސް އެޓީމުންނެވެ. ނަމަވެސް ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ޖެސީ ލިންގާޑް ފޮނުވާލި އެ ހަމަލާ ޓިއުނީޝިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 11 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. ކޭން މި ގޯލު ކާމިޔާބުކުރީ ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު ދިފާއުކުރުމުން ބޭރަށް ނިކުތް ވަގުތުގައެވެ.

އިންގްލޭންޑާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ވެސް އިންގްލޭންޑުން ވަނީ ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ހެންޑަސަން ފޮނުވާލި ބާރު ހަމަލާއަކާއި މެގުއާ ބޮލުން ފޮނުވާލި ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު ދިފާއުކުރިއިރު ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ލިންގާޑް ފޮނުވާލި ބާރު ހަމަލާ ޓިއުނީޝިއާގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފައެވެ.

މި ފުރުސަތުތަކުގެ ބޭނުން އިންގްލޭންޑުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 35 ވަނަ މިނެޓްގައި ޓިއުނީޝިއާ އިން ނަތީޖާ އެއްވަރުކުރުމެވެ. ޓިއުނީޝިއާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ފެރްޖާނީ ސާސީއެވެ. މި ޕެނަލްޓީ ޓިއުނީޝިޔާ އަށް ލިބުނީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ވޯކާ ޓިއުނީޝިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގައި އިންގްލޭންޑުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން އަލުން ލީޑު ނެގުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓިއުނީޝިޔާ އިން ކުޅެމުންދިޔަ ޑިފެންސިވް ކުޅުމުގެ ސަބަބުން ފުރުސަތުތައް ތަނަވަސްކުރަން އިންގްލޭންޑަށް އުނދަގޫތަކެއް ކުރިމަތިވިކަން ފާހަގަކޮށްލެވެއެވެ.

އިންގްލޭންޑްގެ ދެވަނަ ގޯލު ކޭން ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައި ކޭން ވަނީ އިންގްލޭންޑަށް ލީޑު ނަގައިދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. މި ގޯލު ކޭން ކާމިޔާބުކުރީ ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާގެ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މިރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ކޭން ވެގެން ގޮސްފައިވަނީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ މެޗެއްގައި އިންގްލޭންޑަށް ދެ ގޯލު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އިންގްލޭންޑް މި މެޗުން މޮޅުވިއިރު ވޯލްޑް ކަޕްގައި މިހާތަނަށް އެފްރިކާގެ ޓީމެއްގެ އަތުން އިންގްލޭންޑް ބަލިވެފައެއް ނުވެއެވެ. އެގޮތުން ވޯލްޑް ކަޕްގައި މިހާތަނަށް އެފްރިކާގެ ޓީމުތަކާއި ހަތް ފަހަރު އިންގްލޭންޑް ބައްދަލުކޮށްފައިވާއިރު އެތަނުން ހަތަރު މެޗުން އިންގްލޭންޑް ވަނީ މޮޅުވެފައެވެ.

އަނެއްކޮޅުން ޓިއުނީޝިޔާ އަށް ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 12 މެޗުން ވެސް ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ.

މިރޭގެ މެޗާއެކު ގްރޫޕް ޖީގެ ފުރަތަމަ މެޗުތައް މިހާރު ކުޅެ ނިމިފައިވާއިރު މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް އާއި އިންގްލޭންޑަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ ބެލްޖިއަމްއެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޕެނަމާ އާއި ޓިއުނީޝިޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގައި އިންގްލޭންޑުން ދެން ބައްދަލުކުރާނީ ޕެނަމާއާއެވެ. ޓިއުނީޝިޔާ ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލިމީ

    އިންގްލެންޑްގެ މޮޅު ވާހަކަ ދައްކަން ޖެހޭނެއެވެ. ނަމަވެސް 90 މިނިޓް ހަމަވެގެން އިތުރު ވަގުތު ކުޅުމާ ހަމަޔަށް އިންގްލެނޑަށް ކުޅުނަ ނުދީ ހިފެހެއްޓީތީ އެވާހަކަވެސް ދައްކަންވާނެއެވެ.