ޖަޕާނުގެ ޓޯކިޔޯގައި މިއަހަރުގެ ޖުލައި މަހު ބާއްވަން ތައްޔާރުވާ އޮލިމްޕިކްސްގައި ވާދަކުރަން ލިބުނު ރާއްޖޭގެ ފުރަތަމަ އަންހެން އެތްލީޓުގެ ޝަރަަފާއެކު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގުގެ ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.

އޮލިމްޕިކްސް ގައި ވާދަކުރުމުގެ ފުރުސަތު ނަބާާ އަށް ލިބުނީ ހާއްސަ ސްލޮޓަކުންނެވެ. އެއީ ޓްރައިޕާޓައިޓް ސްލޮޓެވެ. މިއީ އެތްލީޓުގެ ފެންވަރާއި ނެރެފައިވާ ނަތީޖާތަކާއި ރޭންކިންއަށް ބެލުމަަށްފަހު ލިބޭ ހާއްސަ ޖާގައެކެވެ. މީގެކުރިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާނަށް ވަނީ 2012 ވަނަ އަހަރު މި ސްލޮޓުން ޖާގަ ލިބިފައެވެ.

މި ފުރުސަތާއެކު ނަބާހާގެ އިހުސާސްތައް މިއަދު ވަނީ ހިއްސާކޮށްފައެވެ. ނަބާހާ ފާހަގަކުރާގޮތުގައި އޮލިމްޕިކްސް ގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"ބެޑްމިންޓަން ކެރިއަރުގަައި ވަރަށް ގިނަ ކާމިޔާބީތަކެއް ލިބިއްޖެ، އެކަމަކު އޮލިމްޕިކްސް ގައި ރާއްޖޭގައި ތަމްސީލުކުރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް، އެ ހުވަފެން މިއަދު ހަގީގަތަކަށް ވެގެންދިޔައީ، މި ކާމިޔާބީގެ ފަހަތުގައި ވަނީ އަހަރެންގެ އާއިލާ، އާއިލާގެ އެހީއާ ނުލާ މިހިސާބަށް ނާދެވޭނެ" ނަބާ ބުންޏެވެ.

ކެރިއަރުގައި އުނދަގޫ ގިނަ ކަންކަމާއި ކުރިމަތިލާފައިވާ ނަބާ އަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ހުނަރުވެރި، އަދި އެންމެ ކާމިޔާބު އަންހެން އެތްލީޓުންގެ ތެރޭގައި ގުނާލެވޭ އެކަކެވެ. ނަބާހާއަށް ލިބުނު އުފާވެރިކަން ހިއްސާކޮށް އޭނާ ބުނީ އާއިލާގެ ފަރާތުން ލިބުނު ބޮޑު ސަޕޯޓާއެކު ފުލް ޓައިމް ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ކުރިޔަށްގެންދަން ފަސޭހަވި ކަމަށެވެ.

ނަބާހާ ބުނީ ކޮވިޑުގެ މި ހާލަތުގެ ސަބަބުން ރަނގަޅަށް ތަމްރީނުތައް ކުރިޔަށްގެންދަން އުނދަގޫތަކެއް އެބަހުރި ކަމަށާއި ނަމަވެސް އޮލިމްޕިކްސްގައި އެންމެ ރަނގަޅު ކުޅުން ދައްކާ ގައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ކުޅުންތެރިންގެ ތެރޭގައި ނަބާހާ އާއި ނަބީހާ ވަނީ ހިމެނިފައިވާއިރު މިއީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެެވެއެވެ

ނަބާހާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑެއްޔެވެ. އެފަހަރު އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި މޮރިޝަސްގައި 2019 ގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.