ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސިންގަޕޫރު އަތުން ފަލަސްތީން މޮޅުވެ ތިންވަނައަށް ޖެހިލިއިރު ގަތަރު އަތުން އިންޑިއާ ބަލިވެއްޖެ އެވެ.

ގާތްގަނޑަކަށް 18 މަހަށްފަހު ފެށި ކޮލިފައިންގެ މެޗުތަކުގެ ތެރެއިން ފަލަސްތީނު މޮޅުވީ ގްރޫޕް ޑީގައި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގްރޫޕް ޑީގެ ކޮލިފައިންގައި ސިންގަޕޫރާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅާާއެކު ފަލަސްތީނު ވަނީ ގްރޫޕް ޑީގެ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެ ޓީމު ތިންވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 7 ޕޮއިންޓާއެކު އެވެ. ފަލަސްތީނާއި ޖެހިގެން ހަތަރުވަނައިގައި ސިންގަޕޫރު ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. އެއްވަނައިގައި ސައުދީ އަރަބިއްޔާ އޮތީ މިހާތަނަށް އެ ޓީމު ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ.

މި މެޗުގައި ފަލަސްތީނު ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުތަކެވެ. މި ދެ ޕެނަލްޓީވެސް ކާމިޔާބުކޮށްފައި ވަނީ ތާމިރު ސިޔާމް އެވެ. އޭގެފަހުން ފަލަސްތީނުގެ އިތުރު ލަނޑުތައް ކާމިޔާބުކުރީ އޮޑާއި ދައްބާގް އާއި ޔާސިރު ހަމީދެވެ.

ކޮލިފައިންގައި ސައުދީ އަރަބިއްޔާ އާއި އުޒްބަކިސްތާން އަދި ޔަމަނަަށް ބާކީ ތިން މެޗު އެބައޮތެވެ. ސައުދީ ކުޅެން އޮތީީ ޔަމަނާއި ސިންގަޕޫރާއި އުޒްބަކިސްތާނާއި ދެކޮޅަށެވެ. ފަލަސްތީނަށް ބާކީ އޮތީ ތާވަލުގެ ފުލުގައިވާ ޔަމަނާާއި ދެކޮޅަށް މިމަހު 15 ގައި ކުޅޭ މެޗު އެކަންޏެވެ.

ކޮލިފައިންގައި އިންޑިއާ ބަލިވީ ގްރޫޕް އީގެ އެއްވަނައިގައި އޮތް ގަތަރު އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ މެޗުތައް ކުޅެނީ ގަތަރުގައެވެ. މި މެޗުގައި އިންޑިއާއިން ރަނގަޅު ވާދައެއް ކުރި ނަމަވެސް ގަތަރުގެ އަމިއްލަ ދަނޑުގައި އެ ގައުމާއި ދެކޮޅަށް ހިތްވަރުކޮށް ނުލެވުނެވެ.

މި މެޗުގައި ގަތަރު ޓީމުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް އަޒީޒް ހާތެމް އެވެ. މީގެއިތުރުން އިންޑިއާ އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި ނަތީޖާއާއެކު ގަތަރުން ވަނީ އެއް މެޗު ބާކީ އޮއްވާ ދެން އޮތް ބުރު ކަށަވަރުކޮށްފައެވެ.

މީގެއިތުރުން މި ގްރޫޕުގައި ރޭ ބަންގްލަދޭޝް އާއި އަފްގާނިސްތާން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުތަކާއެކު ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު ގަތަރު އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކު އެެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އޮމާން އޮތީ ކުޅުނު 5 މެޗުންނެވެ. ތިންވަނައިގައި އަފްގާނިސްތާން އޮތީ އެއް މެޗު އިތުރަށް ކުޅެގެން 5 ޕޮއިންޓާއެކު އެވެ.

ނޭޕާލް މޮޅުވީ ކޮލިފައިންގެ ގްރޫޕް ބީގައި ޗައިނީސް ޓައިޕޭ އާއި ވާދަކޮށް 2-0 އިންނެވެ. ދުބާއިގައި ކުރިޔަށްދާ މި ގްރޫޕުގެ މެޗުތަކަށް ބަލާއިރު އެއްވަނައިގައި އޮސްޓްރޭލިއާ އޮތީ ކުޅުނު 5 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން ކުވެއިތު އޮތީ 10 ޕޮއިންޓާއެކު އެވެ. އޮސްޓްރޭލިއާ އަށް އަދި ބާކީ ތިން މެޗު އެބައޮތެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. اکف

  ސާބަލޭ ފަލަސްތީން👍👍

  28
 2. Anonymous

  ހޫރޭ ފޯ ޕެލެސްޓިން

 3. ޙަނާ

  ޢަލްހަމްދުލިއްލާހި، ﷲއަ ކުބަރ

  12
 4. ޕަކާސް

  އަރާދަކުރެއްވިއަޔާ ފަލަސްތީން ވޯލްޑްކަޕް ގަ ކުޅޭނެ

  14