ދައުލަތުގައި އޮތް ބޮއްސުންލާފައިވާ ނިޒާމެއް އިސްލާހު ކުރަން "ޕާލިމެންޓަރީ އިންކުއައިރީ" ނޫނީ "ބަރުލަމާނީ ތަހުގީގު" ހިންގުމަކީ ދުނިޔޭގެ މަޖިލިސްތަކުގައި ކޮށް އުޅޭ ކަމެކެވެ. އެކަމަކު ޑިމޮކްރެޓިކް ނިޒާމަށް ދާދި ފަހަކުން އަމަލު ކުރަން ފެށި ރާއްޖޭގައި މިއީ ވެސް ވަރަށް އާ ކަމެކެވެ. މިފަދަ ތަހުގީގެއް އެންމެ ފުރަތަމަ ހިންގަން ފެށީ ވެސް އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ހަތަރުވަނަ އަދި ރާއްޖޭގެ ނަވާރަވަނަ މަޖިލީހުގައެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހެވެ.

މި މަޖިލީހުގައި މިފަދަ ތިން ތަހުގީގެއް ފެށުނުއިރު އެންމެ ފަހުން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފެށި ތަހުގީގަކީ ޖިނާއީ ބޮޑު މައްސަލައެއްގެ ތެރެއިން އުފެދުނު ތަހުގީގެވެ. ދައުލަތުގެ އެއް ބާރުގެ ވެރިޔެއްގެ ގޮތުގައި މިހާރު ހުންނެވި އަދި ރާއްޖޭގެ ވެރިކަން ވެސް ކުރެއްވި މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށް، އެމަނިކުފާނުގެ ސެކިއިރިޓީ ބަލިކަށިކޮށް ފޫދުއްވާލި ގޮތުގެ މައްޗަށް ކުރެވޭ އެ "އިންކުއަރީގައި" ގިނަ ބަޔަކު ހާޒިރުކޮށް ބަޔާން ނެގުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ހާޒިރު ކުރާނެ މީހުންގެ ދިގު ލިސްޓެއް ތައްޔާރުކުރުން

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި 241 ކޮމިޓީން ވަނީ ހާޒިރު ކުރާނެ ބަޔެއްގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. މިލިސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިފައިންނާއި ފުލުހުންނެެވެ. މި ލިސްޓުގައި ސިފައިންގެ އިސް ވެރިން ހިމެނޭހެން 40 ސިފައިންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ ޔުނިޓްގެ ބައެއް އޮފިސަރުން ހިމެނެއެވެ.

ފުލުހުން ވަނީ މި އިންކުއަރީއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސްއާއެކު ވަކިވަކި ފުލުހުން ވެސް މަޖިލީހަށް ހާޒިރު ވާނެ ކަން އަންގައިފައެވެ. އެކަމަކު މިއީ ކޮމިޓީއަށް ލިބިދޭ ބާރެއް ނޫން ކަމަށް ވިދާޅުވެ އެމްއެންޑީއެފުން މި ކަމަށް ދެކޮޅު ހެއްދެވިއެވެ. އެމްއެންޑީއެފުން ކޮމިޓީއަށް އަންގާފައި ވަނީ ވަކިވަކި ސިފައިން ފޮނުވެން ނެތް ކަމުގައެވެ.

މި ކަން އާންމުންނާ ހަމައަށް ތިލަވުމުން ގިނަ ބަޔަކުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މަޖިލީހުން "އިންކުއަރީ" ގެ ނަމުގައި ޖިނާއީ ތަހުގީގެއް ހިންގަނީ ހެއްޔެވެ؟ ތަހުގީގީ އިދާރާއަކަށް މަޖިލިސް ބަދަލުވެފައިވާ ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުމުގެ އަޑު އިތުރަށް ގަދަވެގެން އައީއެވެ. މަޖިލީހުން ބޭނުންވާއިރަށް ވަކިވަކި ސިފައިންނާއި ވަކިވަކި ފުލުހުން މަޖިލީހަށް ހާޒިރު ކުރެވޭ ހެއްޔެވެ؟

241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ، މި މައްސަލައިގެ ޖިނާއީ ތަހުގީގު ހިންގާނީ ފުލުހުންނެވެ. މަޖިލީހުގެ އެ އިންކުއަރީގެ ބޭނުމަކީ ނަޝީދުގެ ސެކިއުއިރީ ފޫދުއްވާލި ގޮތުގެ މައްޗަށް ދިރާސާއެއް ކުރުމެވެ. ކޮމިޓީން އެ ކަމުގައި ތުހުމަތުވާ ބަޔަކު ހާޒިރުކޮށް ބަޔާންތަކެއް ނެގުމުގެ ވިސްނުމެއް ނެތެވެ.

އެހެންވާނަމަ ސިފައިންނާއި ފުލުހުންގެ ގިނަ ބަޔަކު ހިމެނޭ ދިގު ލިސްޓެއް ތައްޔާރުކޮށްގެން ކޮމިޓީން މި އުޅެނީ ކީއްކުރަން ހެއްޔެވެ؟ ސެކިއިރިޓީތައް ބަލިކަށިވާ ސަބަބު ހޯދުމުގެ ދިރާސާއަކަށް މިއީ ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިމުން ބޭރުވާ ކަމުގެ ގާނޫނީ ނުކުތާތަކެއް

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީއާއި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ފަދަ ބޭފުޅުން މި ވަނީ މިއީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ކަމުގައި ވަކާލާތު ކުރައްވައިފައެވެ.

މި ގޮތުން ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާއި 242 ވަނަ މާއްދާއާ މަޖިލީހުގެ 241 ކޮމިޓީގެ ނިންމުންތައް ޚިލާފު ކަމުގައި ފާހަގަކުރައްވައެވެ. އަދި ސިފައިންގެ ގާނޫނުގެ 10 ވަނަ މާއްދާއާ ވެސް މަޖިލީހުގެ އަމަލު ޚިލާފް ކަމުގައި މި ބޭފުޅުން ފާހަގަކުރައްވައެވެ.

99 ވަނަ މާއްދާގައި ބަޔާން ކުރަނީ މަޖިލީހަށް މީހުން ހާޒިރު ކުރުމާ ގުޅޭ ގޮތުންނެވެ. އެމާއްދާގައި ބަޔާން ކުރާ ގޮތުން މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ވަކި މީހަކު ނުވަތަ ވަކި މުއައްސަސާއެއް ހާޒިރު ކުރުމުގެ ބާރު ލިބިދީފައިވެއެވެ. މި މާއްދާގައި ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއެއް ކަމަށް ލިޔެފައި އޮތުމުން ޖަވާބުދާރީ ކުރެވޭނީ މުއައްސަސާ ކަމުގައާއި މުއައްސަސާއެއްގެ ވަކި ބޭފުޅަކު ހާޒިރު ނުކުރެވޭނެ ކަމުގައި ފާހަގަކުރައްވައެވެ.

242 ވަނަ މާއްދާގައި ބަޔާން ކުރަނީ ސަލާމަތީ ޚިދުމަތެއް ހިންގަން ވާނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމުގައެވެ. އެ ވަޒީރެއްގެ ދަށުގައިވާ ޚިދުމަތެއްގެ ކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައެވެ. މި މާއްދާއަށް ރިއާޔަތް ކުރައްވައި، ގާނޫނީ ބައެއް ބޭފުޅުން ފާހަގަކުރައްވަނީ ސިފައިންގެ ކަމެއްގައި މަޖިލީހަށް ހާޒިރުކޮށް ޖަވާބާދާރީ ކުރެވޭނީ ދިފާއީ ވަޒީރެވެ. އަދި ފުލުހުންގެ ކަމެއްގައި ހާޒިރު ކުރެވޭނީ ދާޚިލީ ވަޒީރު ކަމެވެ. ނޫނީ ވަޒީރާއެކު ވަޒީރު ކަނޑައަޅުއްވާ ބަޔެކެވެ.

ސިފައިންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ވެސް ބަޔާން ކޮށްފައި ވަނީ މި ގޮތަށެވެ. އެ މާއްދާގައި ބަޔާން ކުރަނީ ސިފައިންގެ އެންމެހައި ކަންކަން ރާވައި ހިންގާނީ ވަޒީރު ކަމަށެވެ. އަދި ސިފައިންގެ ކަންކަމުގައާއި ސިފައިންގެ މައްޗަށް ވަޒީރަށް އޮންނަ މަސްއޫލިއްޔަތު އަދާ ކުރުމުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ވަޒީރު ކަމުގައެވެ.

ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދިދީ އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

މަޖިލީހަށް ކުރެވޭނެ ކަމެއް ކަމުގެ ގާނޫނީ ނުކުތާތަކެއް

ގާނޫނީ ގޮތުން އުފެދޭ އެހެން ޚިލާފްތަކާ އެއްގޮތަށް މި މައްސަލާގައި ވެސް ގާނޫނީ ގޮތުން މިއީ މަޖިލީހަށް ލިބިދީފައިވާ ބާރެއްގެ ގޮތުގައި ވެސް ބައެއް ގާނޫނީ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ފާހަގަކުރައްވާފައިވާ ގޮތުގައި މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާއިރު، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާގެ ތެރެއިން ހިންގާ އިންކުއަރީއަކަށް ސަލާމަތީ ޚިދުމަތްތަކަށް އަންގާ އެންގުންތަކަށް އަމަލު ކުރުން ލާޒިމު ވާނެއެވެ.

''އިންކުއައިރީއަކަށް މައުލޫމާތު ހޯދަން ވަކި މީހަކު ގާތުގައި ދެންނެވުމުން، އިންކުއަރީގެ ބޭނުމަށްޓަކައި ގާނޫނީ ގޮތުން ލާޒިމު ކަމެއް ކޮމިޓީ އަށް ހާޒިރުވުމަކީ. އެކަމަކަށް ދެކޮޅެއް ނެހެދޭނެ،" ގާނޫނީ ވަކީލެއް ކަމަށްވާ އިންތި ވިދާޅުވިއެވެ.

މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމުގައި ފާހަގަކުރައްވާ ގާނޫނީ ބޭފުޅުން ވެސް ގާނޫނު އަސާސީގެ 99 ވަނަ މާއްދާ ފާހަގަކުރައްވައެވެ. އަދި ގާނޫނު އަސާސީގެ 240 ވަނަ މާއްދާއާއި 241 ވަނަ މާއްދާ ފާހަގަކުރައްވައެވެ.

99 ވަނަ މާއްދާއިން މި ބޭފުޅުން ފާހަގަކުރައްވަނީ ވަކިވަކި މީހުން މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށް އެ މާއްދާގައި އޮންނަ އޮތުމެވެ. 240 ވަނަ މާއްދާއާއި 241 ވަނަ މާއްދާއިން މި ބޭފުޅުން ފާހަގަކުރައްވަނީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް މަޖިލީހަށް ބާރު ފޯރުވޭނެ ކަމާއި އެ މަސައްކަތް ކުރުމަށް 241 ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އޮންނަން ޖެހޭނެ ކަމަށް ބަޔާން ކުރާ ބައެވެ. ކޮމިޓީގެ ނަން ވެސް އެ ނިސްބަތް ވަނީ އެ މާއްދާގެ ނަމްބަރަށެވެ.

މެންބަރު އިމްތިޔާޒު ފަހްމީއާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދިދީ އާއި މެންބަރު އަހްމަދު އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ މީގެ ކުރިން އުފެދުނު މިފަދަ ޚިލާފެއްގައި މަޖިލީހުގެ ކައުންސިލަ ޖެނެރަލް މަޖިލީހުގެ 241 ކޮމިޓީއަށް ދީފައިވާ ގާނޫނީ ލަފައެވެ.

އެއީ 2010 ވަނަ އަހަރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ހާޒިރު ވާން 241 ކޮމިޓީން އެންގުމުން އެ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ޖެހޭނީ ދީފައީ ވަޒީރު ކަމުގައި ވިދާޅުވެ ގާނޫނީ ނުކުތާތަކެއް ފާހަގަކުރައްވައި އޭނާ ހާޒިރުނުވުމުން ކައުންސިލަ ޖެނެރަލް ދެއްވި ގާނޫނީ ލަފައެކެވެ. އެ މަގާމުގައި ޑރ.އަހްމަދު އަބްދުﷲ ދީދީ ހުންނެވިއިރު ދެއްވި ލަފައަކީ އެ ކަން ކުރަން ކޮމިޓީއަށް ގާނޫނީ ހުރަހެއް ނެތް ކަމުގައެވެ.

އެކަމަކު ޑރ. އަހުމަދު އަބްދުﷲ ދީދީ މިހާރު ވިދާޅުވަނީ އޭރު އެމަނިކުފާނު ދެއްވި ލަފައަކީ ސިފައިންގެ އިސް ވެރިޔާ ހާޒިރު ކުރެވޭނެ ކަމުގައެވެ. އަދި ވަކިވަކި ސިފައިން ހާޒިރު ކުރެވޭނެ ކަމުގައި ލަފާ ނުދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އުޝާމް ޚިއްސާ ކުރެއްވީ ޚަބަރެއް ކަމުން، ގާނޫނީ ލަފާގެ އަސްލު ލިޔެކިއުން ބަލައިލުމުން ވެސް ވަކިވަކި ސިފައިން ހާޒިރު ކުރަން ލަފާ ނުދެއްވާ ކަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަހުސްގެ ފަހަތުގައި ސިޔާސީ ކޯޅުމެއް؟

ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ގޮތުގައި، ވަކިވަކި ސިފައިން ހާޒިރު ނުކުރަން ނިންމެވީ މި ކަމުގައި ގާނޫނީ މައްސަލައެއް އޮވެގެނެއް ނޫނެވެ. މީގެ ފަހަތުގައި އޮތީ ސިޔާސީ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުމެކެވެ.

މި މެންބަރުން ފާހަގަކުރެއްވީ ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި މެންބަރު އިންތި ކުރެއްވި ޓްވީޓަކާއި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރު ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

ރައީސް މުހައްމަދު ނަޝީދު އާއި ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރު

ނަޝީދުގެ ޓްވީޓްގައި ލިޔުއްވާފައި ވަނީ މިފަދަ މައްސަލަތަކުގައި އާންމު ސިފައިން ދެކެވަޑައިގަންނަވާ ގޮތް ސާފުވުން މުހިއްމު ކަމުގައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ހަށިފާރަވެރިންނަށް ވެސް އެކަމުގައި ވާހަކަ ދެކެވެން ޖެހޭނެ ކަމުގައެވެ. އާންމު ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ސިފައިންގެ އެންމެ މަތީ ގްރާސްއިން ނިންމައިގެން ނުވާނެ ކަމާއި އެއީ ބޮޑު ބޭއިންސާފެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވިއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ފާހަގަކުރެއްވީ ވެސް އެމްއެންޑީއެފްގެ ބަޔާނުގައި ނަޝީދަށް ނިސްބަތްކުރައްވައި މުހާތަބް ކުރައްވާފައިވާ ގޮތެވެ. މި ގޮތުން "ދެވުނު ހަމަލާއެއް" ގޮތުގައި ބަޔާނުގައި އޮތުމުން އިންތި ފާޑުވިދާޅުވެ ލިޔުއްވާފައި ވަނީ އެއީ ބަޔަކު ގަސްތުގައި "ދިން" ހަމަލާއެއް ކަމަށެވެ. އަދި އެމްއެންޑީއެފުން އުޅެނީ މަޖިލީހުގެ އިންކުއަރީއަށް ހުރަސް އަޅަން ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާސިމް ސައްތާރު ކުރެއްވި ޓްވީޓްތަކުގައި ވެސް ވަނީ އެމްއެންޑީއެފްގެ ބައެއް އިސް ބޭފުޅުންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައީސް ނަޝީދާ ދެމެދު ނުތަވަނަސް ކަމެއް އުފެދިފައިވާ އަޑުތައް ފެތުރެމުން ދަނިކޮށް ނާޒިމް ވަނީ މާރިޔާގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ.

އެއް މެންބަރަކު ވިދާޅުވި ގޮތުންނަމަ، މިއީ ރައީސް ނަޝީދާއި މިނިސްޓަރު މާރިޔާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ނުތަނަވަސްކަމުގެ ތެރެއިން ފެންނަ ބޮޅެކެވެ. ކޮންމެއަކަސް މަޖިލީހުގައި ފެށި މި އިންކުއަރީއާ ގުޅިގެން އާންމުންގެ ހިތްތަކުގައި ވެސް މި އޮތީ ނުތަނަވަސް ކަމެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބްރާ

    އެމްޑީޕީން ސަކަރާތް ޖެމަށް 5 އަހަރު ނު ދީ އެންމެން ނުކުމެ ސަރުކާރަށް ނޫނެކޭ ބުނަމާ ހެއްޔެވެ.

    40
    1
  2. ސސ

    މިހާރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ ނުދައްކާ ހަމައެކަނި މިވާހަކަ މާބޮޑަށް ދެކެވެނީ !

    25
    1
  3. މުހައްމަދު

    ސ ސ. މިއީ ވޭތުވެ ދިޔަ ސަރުކާރުން ކައިގެންވެސް މިޤައުމުގެ ރައްޔިތުންނަށާއި، ޤައުމަށް ކުރަންޖެހުނު ހުރިހާކަމެއް ޤަބޫލުކުރެވުނުވަރަށްވުރެވެސް ފުރިހަމަކޮށް ކުރި. އަ ދި މިޤައުމު މުސްތަގިއްލު ޤައުމެއްކަމުގެ އިހްސާސް ކުރެވުނު. ޤައުމުގެ ރައްޔިތުންނަށް މި ޤައުމު ހިންގެނެކަން ދައްކައި ދިން. ކުރިއަށް އޮތް 10 އަހަރުގައިވެސް މި ސަރުކާރަށް ނުކުރެވޭނެ ހާ ބޮނޑެތި މުހިންމު ބިނާތައް މިޤައުމުގައި ޤާއިމު ކުރި. ބޭރު ޤައުމުތަކުގެނކުރިމަތީގައި ފަސްނުޖެހި މިނިވަންކަންމަތީ އޮތް ޤައުމެއްކަން ދައްކައި ދީ ބަސްއިއްވި. މިހާރު މި ދަނީ މަށަށް ރަންފޮއްޓެއް ލިބިްޖެޔޭ ކިޔާ ، 5 އަހަރު ފަހުން މައޮންނާނީ ދެފައި ކޮއްޅައްޖައިގެން ބޮޑުއަށިމަތީގައި އަރާމުގައޭ. މިގޮތަށްގޮސް ރައްޔިތުން ބިކަވިއްޔާ އެއްވެސް އެއްޗެެއް ހިތަށްނނާރާ ވެރިއެއް.

    9
    1
  4. Anonymous

    ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީއާއި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ފަދަ ބޭފުޅުން މި ވަނީ މިއީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ކަމުގައި ވަކާލާތު ކުރައްވައިފައެވެ.
    މިބޭފުޅުންގެ ބަހަށް ތާޢީދު.
    އަދި އެބޭފުޅުން ވިދާޅުނުވި ނަމަވެސް ރ.މަޖިލީހަކަށް އެއްވެސް މައްސަލައެއްގެ ޖިނާއީ ތަޙްޤީޤް ހިންގުމުގެ ބާރު ލިބިގެނެއްނުވެ.

    9
    1
  5. ހައްޒާރި

    ތަޖުރިބާއެއް ތައުލީމެއް ނެތް އެތަކެއް ބަޔަކު މަޖިލީހައް ހޮވާފަ އެމީހުން ލައްވާ ކުރެވޭނެތަ ކަންކަން އޮންނަގޮތައް. ފޮތިފިހާރަ ހިންގަންށާއި ފިލްމުކުޅެންށާއި ޓީވީ ޕުރޮގުރާމު ހުށައަޅަން ތިބެފަ މަޖިލީހައް ވަންނައިރު ކޮން މެޗޫރިޓީއެއް ތިބޭނީ. ދެން ދެލޯކަޅިއަރަންދެން ސަރުބަތު ބޮއެގެން ސަފާރީތަކުގަ ނަށަން ތިބޭ މީހުންވެސް މަޖިލީހުގަ އެބަތިބޭ. ކަނޑައެޅިގެން ރާބޯކަން އިނގޭ އެކަކުވެސް އަދި ވައްކަމެއް ކޮއްފަ ހުރިއެކަކުވެސް ތިތާގަ ހުރެގެން ނުވާނެ.

  6. ހުސެން

    މިޟްކާގެ މަރުގެ އިހުމާލު އިންކުއަރީ މަޖުލިހުން ކުރާނެތޯ

    10
  7. ޔަޤީން

    އެމްއެމްޕީއާރސީގެ ކޮރަޕްޝަން މައްސަލަ ބަލާކައް މިސަރުކާރަކައް ނުކެރޭނެ

    9
    1
  8. ބަބޫ

    ބޮއްސުންލާފައި އޮތް ގާނޫނަކަށް ދުވަހަކުވެސް ރަގަޅެއް ނުވާނެ. އެކި އެކި މުއައްސަސާތަކުގެ ގާނޫނު އެބަޖެހޭ ލެވެލް ކުރެވެން. ސިފައިން ފުލުހުން މަޖިލީސް ކޯޓު ރައިސުލްޖުމްހޫރިއްޔާ. މިހެންގޮސް ނަން ހުސްކޮށް ގާނޫނު ފުށުއަރައި ނިމިފަ. އެކަތި އަނެކެތީން ބާރުގަދައީ ކޯއްޗެއްކަމެއްނޭގެ. މީހަކުމަރަންހުއްޓާ ފެނުނަސް މަޖިލީހުގެ ގާނޫނު ބުނާގޮތުން އެމީހަކު ނުހުއްޓުވޭނެ ފުލުހުންނަކަށްވެސް. އައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އަމުރެއް ނެރެވޭ ރަށު ކޯޓުންވެސް. މީ ހަމަހޭގަ އިބި ބަޔަކު ހަދާފަ އޮތް އެއްޗެއް ހެން ހިޔެއްނުވޭ.

  9. އަބްދޫ

    ވެރިކަން ކަމުނުދާނަމަ 5 އަހަރު ވަންދެން ބަލަން ތިބުމަކި ކުރާވަރުގެ ކަމެއްނޫން ގޯހެއް ހެދިއްޖެ ނަމަ އެގޯސް ދެމެހެއްޓުން ހުއްދަވެގެން ނުވޭ . ގޯހެއްހެދިއްޖެ ނަމަ އެގޯސް ރަނގަޅު ކުރެވެން އޮތްގޮތެއްހޯދާ އެގޯސް ރަނގަޅު ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާކަމެއް.