މިސްރުގެ ފުޓުބޯޅަ ތަރި މުހައްމަދު ސަލާހު މިރޭ ރަޝިޔާ އާއި ދެކޮޅަށް ކުޅޭ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ނިކުންނާނެ ކަމަށް މިސްރުގެ ކޯޗު. ހެކްޓާ ކޫޕާ ބުނެފިއެވެ.

މިދިޔަ މަހު ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕުގައި މިސްރުގެ ފުރަތަމަ މެޗުގައި ސަލާހު ކުޅެފައެއް ނުވެއެވެ.

ރަޝިޔާ ކުޅުނު ފުރަތަމަ މެޗުގައި 0-5 ގެ ނަތީޖާ އަކުން މޮޅުވެ އުއްމީދާއި އެކު ވޯލްޑް ކަޕު ފެށި އިރު މިސްރު އުރުގުއޭ އަތުން ބަލިވީ ފަހު ވަގުތު އުރުގުއޭގެ ޑިފެންޑަރު ޖެހި ލަނޑެއްގެ ސަބަބުންނެވެ. ވޯލްޑް ކަޕުގައި ކުރިޔަށް ދިޔުމަށް މިރޭގެ މެޗުން މިސްރު އެއްވަރު ނުވަތަ މޮޅެއް ބޭނުން ވާނެއެވެ.

" އަބަދުވެސް މެޗުގެ ކުރިން ކުޅޭ ހުރިހާ ކުޅުންތެރިންގެ ފިޒިކަލް ޓެސްޓު ހަދާނެ، މިއަދު ސަލާހުގެ މުހިންމު ޓެސްޓެއް ހަދައި ކުޅޭވޭތޯ ބަލާނަން ނަމަވެސް އޭނާ ވަރަށް ފިޓު" މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުންޏެވެ.

މީގެ އިތުރުން ހެކްޓާ ބުނެފައިވަނީ ސަލާހު އަކީ މިސްރު ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި. އޭނާ ރަޝިޔާ އާއި ދެކޮޅަށް ނިކުންނާނެ ކަމަށެވެ. މިސްރު ޓީމަށް 57 މެޗު ކުޅެދީފައި ވާއިރު އޭނާ ވަނީ 33 ގޯލު ކާމިޔާބު ކޮށްދީފައެވެ.

" ސަލާހު އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް، އެއްވެސް މީހަކަށް މިކަން ދޮގެއް ނުވެވޭނެ. އޭނާގެ ހުނަރުވެރިކަމުގެ އިތުރުން އޭނާ އަކީ ހިތްހެޔޮ މީހެއް މިސްރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ސަލާހު" އާޖެންޓީނާގެ ހެކްޓާ ކޫޕާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު